އަތޮޅުތެރޭގެ ހަ ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް އިތުރަށް ފުޅާކޮށް، އަލަށް އާބާދުވި ސަރަޙައްދުތަކާއި ޓޫރިޒަމް ޒޯނުތަކަށް އެ ޚިދުމަތް ފޯރުކޮށްދިނުމުގެ ބޮޑު މަޝްރޫޢެއް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޢަލީ ފާރިޝް ޔޫސުފެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ޢާއިޝަތު މުޒްނާއާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ޢަބްދުﷲ ނާޒިރެވެ.
މި އެއްބަސްވުންތަކުގެ ދަށުން ފެނާއި ނަރުދަމާގެ ވިއުގަ ފުޅާކުރުމުގެ މަސައްކަތް ކުރިއަށްދާނީ ހއ. އުލިގަމާއި، ހއ. މޮޅަދޫ، ހއ. އިހަވަންދޫ، ރ. ކިނޮޅަސް، ރ. އިންނާމާދޫ އަދި ބ. މާޅޮހުގައެވެ. މީގެ ތެރެއިން އިހަވަންދޫ އާއި އިންނާމާދޫގައި މަސައްކަތް ކުރެވޭނީ އަލަށް އާބާދުވި ސަރަޙައްދުތަކަށް ޚިދުމަތް ގުޅައިދިނުމަށެވެ. އަދި ކިނޮޅަހާއި މާޅޮހުގައި އެ ރަށްރަށުގެ ޓޫރިޒަމް ޒޯނުތަކަށް ޚިދުމަތް ފޯރުކޮށްދިނުމަށް ވިއުގަ ފުޅާކުރެވޭނެއެވެ.
މަޝްރޫޢުތަކުގެ މާލީ ތަފްޞީލަށް ބަލާއިރު، ހއ. އުލިގަމުގެ މަސައްކަތް 22.3 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާއިރު، ހއ. މޮޅަދޫގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ 29 މިލިއަން ރުފިޔާއަށެވެ. މީގެ އިތުރުން ރ. ކިނޮޅަހުގެ ނެޓްވޯކް ފުޅާކުރުމަށް 18 މިލިއަން ރުފިޔާ އަދި ރ. އިންނާމާދޫގެ މަސައްކަތަށް 19.1 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން ހއ. އިހަވަންދޫގެ މަޝްރޫޢު 17 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާއިރު، ބ. މާޅޮހުގެ ޓޫރިޒަމް ޒޯނުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 10.7 މިލިއަން ރުފިޔާއަށެވެ. މާޅޮހުގެ މަސައްކަތް 270 ދުވަހުގެ ތެރޭގައި ނިންމުމަށް ތާވަލުކޮށްފައިވާއިރު، ބާކީ 5 ރަށުގެ މަސައްކަތް ނިންމުމަށް ދީފައިވަނީ 1 އަހަރު ދުވަހުގެ މުއްދަތެކެވެ.












