ދިވެހިރާއްޖޭގެ މިހާރުގެ ސިޔާސީ އަދި ގާނޫނީ މަސްރަހުގައި އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވަނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅުނު ތާރީޚީ ހަތަރު ބިލަށެވެ. މިއީ ގައުމީ ސަލާމަތާއި، ރައްޔިތުންގެ ޙައްޤުތަކާއި، އިގްތިސާދީ އަދި އިޖުތިމާއީ ރައްކާތެރިކަން އެންމެ މަތީ ދަރަޖައަށް ކަށަވަރުކުރުމަށްޓަކައި ސަރުކާރުން އެޅުއްވި ވަރުގަދަ އަދި ކެރޭ ފިޔަވަޅުތަކެކެވެ. ގިނަ ދުވަސްތަކެއް ވަންދެން ހައްލެއް ނުލިބި ހުރި ބޮޑެތި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ހުށަހެޅުނު މި ބިލުތަކާ ގުޅިގެން ރާއްޖޭގެ މީޑިއާތަކުގައާއި އާންމުންގެ މެދުގައި ބަހުސްތަކާއި ތަފާތު ޚިޔާލުތައް ފާޅުކުރެވެމުންދާއިރު، މި ބިލުތަކުގެ މައުލޫމާތު ރައްޔިތުންނަށް އެނގެން އެބަޖެހެެއެވެ.
ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
މި ބިލަކީ މުޅި އިސްލާމީ އުންމަތާއި ދިވެހި ރައްޔިތުންގެ ވިންދާ ސީދާ ގުޅިފައިވާ، ހިތްވަރުގަދަ ނިންމެވުމެކެވެ. މި ބިލުގެ ދަށުން އިޒްރޭލުގެ ޕާސްޕޯޓު އޮންނަ އެއްވެސް މީހަކަށް ރާއްޖެއަށް އެތެރެނުވެވޭނެ ގޮތަށް މުތުލަގަށް މަނާކުރުމަށް ވަނީ ހުށަހަޅާފައެވެ. މިއީ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ދިވެހިން ކުރާ ތާއީދު އަމަލީ ގޮތުން ދައްކުވައިދީ، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން ހިފަހައްޓާ އަދުލުވެރި ސިޔާސަތާއި އިސްލާމީ އަގީދާ އަދި އިންސާނީ ކަރާމާތް އިސްކުރުމުގައި ސަރުކާރުން ފަސްނުޖެހޭނެކަން ހާމަކޮށްދިން މުހިންމު ފިޔަވަޅެކެވެ.
ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލް
ރާއްޖޭގެ ބިމާއި ފަޅުތަކުގެ މިލްކުވެރިކަން ދިވެހި ރައްޔިތުންގެ ހައްގުގައި ރައްކާތެރިކޮށް، އިގްތިސާދީ ދާއިރާ ހަރުދަނާ ނިޒާމަކަށް ފެއްތުމަށް ސަރުކާރުން ވަނީ މި ބިލު ހުށަހަޅާފައެވެ. މި ބިލުގެ ސަބަބުން ރާއްޖޭގެ ރިއަލް އެސްޓޭޓް ވިޔަފާރިތައް ގާނޫނީ އިމުގެ ތެރެއިން ރެގިއުލޭޓް ކުރެވި، ތަފާތު އޮޅުވާލުންތަކުން ރައްޔިތުން ސަލާމަތްވެގެންދާނެއެވެ. މީގެ އިތުރުން، ރާއްޖެއަށް އެތެރެވުން މަނާ މީހުންނަށާއި، ޚާއްޞަކޮށް އިޒްރޭލުގެ ރައްޔިތުންނަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީތައް ނުގަނެވޭނެ ގޮތް ހަދައި، ގައުމުގެ މިލްކުވެރިކަމާއި ސަލާމަތް ބޭރުގެ ނުފޫޒުތަކުން ރައްކާތެރިކުރުމަށް ސަރުކާރުން ވަނީ ދުރުވިސްނޭ ފިޔަވަޅެއް އަޅާފައެވެ.
މަރުގެ އަދަބާ ބެހޭ ބިލް
ޖިނާއީ ބޮޑެތި ކުށްތަކަށް ދެވޭ އަދަބުތައް ހަރުދަނާކޮށް، މުޖުތަމައުގެ އަމާންކަމާއި ސުލްހަމަސަލަސްކަން ގާއިމުކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒެވެ. މަރުގެ އަދަބު ތަންފީޒު ކުރުމާ ގުޅޭގޮތުން ހުށަހެޅުނު މި ބިލަކީ ޖިނާއީ އަދުލުގެ ނިޒާމު އިތުރަށް ފުރިހަމަކޮށް، ކުށްވެރިންނަށް ހައްގު އަދަބު ދިނުމަށާއި އަނިޔާލިބޭ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ސަރުކާރުން ކުރާ އިތުބާރު ހުރި މަސައްކަތެކެވެ. މި ގާނޫނުގެ ސަބަބުން މުޖުތަމައުގައި ކުށްކުރުމުގެ މާހައުލު ކުޑަވެ، އާންމު ރައްކާތެރިކަން އިތުރަށް ބޮޑުވެގެންދާނެއެވެ.
އަބުރާ ބެހުމުގެ ބިލް
ކޮންމެ ރައްޔިތެއްގެވެސް އިންސާނީ ކަރާމާތާއި އަބުރަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭންޖެހޭ މުހިންމު ހައްގެކެވެ. ދޮގު މައުލޫމާތާއި އަބުރަށް އަރައިގަތުމުގެ އަމަލުތަކުން މުޖުތަމައު ސަލާމަތްކުރުމަށް ސަރުކާރުން ހުށަހެޅި މި ބިލަކީ، ފަންނީ އަދި ޒަމާނީ ހަމަތަކުގެ މަތިން އަބުރު ރައްކާތެރިކޮށްދޭނެ ބިލެކެވެ. އަބުރަށް އަރައިގަތުމުން ލިބޭ ގެއްލުމުގެ ބަދަލު ހަރުދަނާ ނިޒާމެއްގެ ތެރެއިން ނަގައިދިނުމަކީ، އެކަކު އަނެކަކަށް އިހުތިރާމްކުރާ، އަދި ދޮގު ޚަބަރުތަކުން ސަލާމަތްވެފައިވާ ދިފާއީ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ހުޅުވާލި މުހިންމު ދޮރެކެވެ.
ޖުމްލަގޮތެއްގައި ބަލާއިރު، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި މި ހަތަރު ބިލަކީ ގައުމުގެ މިނިވަންކަމާއި، އިގްތިސާދީ ކުރިއެރުމާއި، އިޖުތިމާއީ އަދާލަތު ގާއިމުކުރުމަށްޓަކައި އެޅުނު ރަނގަޅު ފިޔަވަޅުތަކެކެވެ. މިއީ ރައްޔިތުންގެ ހައްގުގައި ސަރުކާރުން ދައްކުވައިދިން ވަރުގަދަ ލީޑަޝިޕެއްގެ ނަތީޖާއެވެ.



