އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުއާހަދާގެ 31 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް31) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތުރުކީވިލާތަށް ފުރާވަޑައިގެންފިއެވެ. މި ސަމިޓް ކުރިއަށްދާނީ ތުރުކީވިލާތުގެ އަންތާލިޔާގައި މި ނޮވެންބަރު މަހުގެ 10 އިން 14 އަށެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދާއި، ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
މި ސަމިޓުގެ ތެރެއިން، މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ޤައުމީ ބަޔާން ރައީސުލްޖުމްހޫރިއްޔާ އިއްވެވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މަތީ ފަންތީގެ އެކި ހަރަކާތްތަކާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެން، ދުނިޔޭގެ އެކި ޤައުމުތަކުގެ ވެރިންނާ އެކު ދޭދޭ މަޝްވަރާތައް ބޭއްވެވުމަށްވެސް ވަނީ އެޖެންޑާ ކުރެވިފައެވެ.
ކޮޕް31 އަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި، ދުނިޔޭގެ ޤައުމުތަކުގެ ވެރިންނާއި، ވާހަކަދައްކާ މަންދޫބުން އެއްތަނަކަށް ޖަމާވާ މުހިންމު ބައްދަލުވުމެކެވެ. މީގެ އިތުރުން ވިޔަފާރިވެރިންނާއި، ޒުވާނުންނާއި، މޫސުމީ ދިރާސާކުރާ ސައިންސްވެރިން އަދި މަދަނީ ޖަމިއްޔާތައް ގުޅިގެން، މޫސުމީ ކާރިސާތަކުން އަރައިގަތުމަށް އެންމެންގެ ބައިވެރިވުން ހިމެނޭ ހައްލުތަކާއި ތަޖުރިބާތައް މި ސަމިޓުގައި ހިއްސާކުރާނެއެވެ.
ކޮޕް31 ބައްދަލުވުމަކީ 1992 ވަނަ އަހަރު އެކުލަވައިލެވުނު އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މައި މުއާހަދާ (ޔޫ.އެން.އެފް.ސީ.ސީ.ސީ) ގެ 31 ވަނަ ބައްދަލުވުމެވެ. މި މުއާހަދާއަކީ 2015 ވަނަ އަހަރުގެ މަޝްހޫރު ޕެރިސް އެގްރީމަންޓުގެވެސް މައި ބިންގަލެވެ. ދިވެހިރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއް އޮންނަ ޤައުމުތަކަށް މި ސަމިޓަކީ ވަކިން ޚާއްޞަކޮށް ބޮޑު އަހައްމިއްޔަތުކަމެއް ދެވޭ ސަމިޓެކެވެ.













