އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މި މަހުގެ 27 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެތެރޭގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބޭ ފަރާތްތަކުގެ ޝަރުޠުތައް ހާމަކޮށް އިއުލާނުކޮށްފިއެވެ.
އެމްޑީޕީގެ ސެކްރެޓޭރިއަޓުން ނެރުނު އިއުލާނުގައި ބުނެފައިވަނީ، ކުރިއަށް އޮތް އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބޭނީ 2026 އޮކްޓޯބަރު 20 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ޕާޓީގައި ދަފްތަރުވެ، މެދުކެނޑުމެއްނެތި ވޯޓުލާ ދުވަހާ ހަމައަށް ޕާޓީގެ މެންބަރުންގެ ގޮތުގައި ދެމިތިބި ފަރާތްތަކަށް އެކަނި ކަމަށެވެ.
މި އިންތިޚާބަކީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ދާއިރާތަކާއި، ސިޓީތަކާއި އަތޮޅުތަކުގެ މަޤާމުތަކުގެ އިތުރުން ޕާޓީގެ އަންހެނުންގެ ރޫޙުގެ ރައީސާ އާއި ގޮފިތަކުގެ ތަފާތު މަޤާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އެތެރޭގެ މުހިންމު އިންތިޚާބެކެވެ. މިއީ އެމްޑީޕީގެ އަސާސީ ޤަވާޢިދަށް ގެނެވުނު ބޮޑެތި އިޞްލާޙުތަކަށްފަހު ބާއްވާ ފުރަތަމަ އެތެރޭގެ އިންތިޚާބެވެ.
އިންތިޚާބާ ގުޅޭގޮތުން އެމްޑީޕީން ކުރިން ނެރެފައިވާ އިއުލާނުތަކުގައިވަނީ، ވޯޓު ކަރުދާހުގައި އާންމުކޮށް ކިޔާނަން ހިމެނުމުގެ ފުރުޞަތާއި، ކެންޑިޑޭޓުންގެ މަންދޫބުން ހުށަހެޅުމުގެ ފުރުޞަތުވެސް ހުޅުވާލާފައެވެ. އަދި އަންހެނުންނަށް ޚާއްޞަކުރެވިފައިވާ ގޮނޑިތަކާ ގުޅޭ ތަފްސީލުތައްވެސް ޕާޓީން ވަނީ ކުރިން އާންމުކޮށްފައެވެ.
މި އިންތިޚާބުގެ ވޯޓުލުން ނޮވެމްބަރު 27 ގައި ކުރިއަށްގެންދާއިރު، އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 30 ގައެވެ. އިންތިޚާބުގެ ކުރިމަތިލުންތަކާއި އިދާރީ ކަންކަން ކުރިއަށްގެންގޮސްފައިވަނީ އެމްޑީޕީގެ ޚާއްޞަ ޔެލޯ އެޕްލިކޭޝަން މެދުވެރިކޮށެވެ.












