ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ އައު ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށާއި، އެ ބިލުގައި އިޒްރޭލުގެ ޕާސްޕޯޓު ގެންގުޅޭ އެއްވެސް ފަރާތަކަށް ރާއްޖެ އެތެރެނުވެވޭނެ ކަމަށް މުޠުލަޤަށް ކަނޑައަޅާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިހާރު ވެސް އަމަލުކުރަމުންދާ އިމިގްރޭޝަންގެ ގާނޫނެއް އޮތް ނަމަވެސް، އެ ގާނޫނަކީ މިހާރުގެ އެކި އެކި ބޭނުންތަކަށާއި އިމިގްރޭޝަންގެ ޚިދުމަތްތައް ދިނުމަށް އެކަށީގެންވާ ގާނޫނެއް ނޫން ކަމަށެވެ. އަދި އައު ބިލެއް އެކުލަވާލައި ފޮނުއްވީ އިމިގްރޭޝަން އޮފީސް ތަރައްޤީ ކުރުމަށާއި، މުވައްޒަފުންގެ ކަންކަމާއި އެ ނޫންވެސް އިދާރީ މުހިންމު ކަންކަން ހަރުދަނާކުރުމަށް ގިނަ ކަންތައްތަކެއް ބަޔާންކުރުމަށް ފަހު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބިލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވީ، ރާއްޖެއަށް އެތެރެވުމުގެ ހުއްދަ އޮންނަ އަދި ހުއްދަ ނޯންނާނެ ފަރާތްތައް ބަޔާންކޮށްފައިވާ ބަޔަށެވެ. މިގޮތުން، 7 އޮކްޓޫބަރުގެ ހާދިސާއާ ގުޅިގެން ކުރިން ކަނޑައަޅާފައި އޮތީ އެ ޙާލަތު ބަދަލުވަންދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭނެ ގޮތަށް ކަމަށް ވިޔަސް، އަލަށް ފޮނުވި ބިލުގައި އެއްވެސް ޙާލަތަކަށް ރިޢާޔަތްކުރުމެއް ނެތި، އިޒްރޭލު ޕާސްޕޯޓު ގެންގުޅޭ އެއްވެސް މީހަކަށް ރާއްޖެ ނާދެވޭނެ ގޮތަށް ސާފުކޮށް ކަނޑައަޅާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މި ނިންމެވުމަކީ ވަކި ކަމަކާ ގުޅުވައިގެން ނިންމި ނިންމުމެއް ނޫން ކަމަށާއި، މިއީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ނަސްލުހޭދުކުރުން (ޖެނޮސައިޑް) އަކީ ދިވެހި އެއްވެސް ރައްޔިތަކު ބަލައިގަންނަ ކަމަކަށް ނުވާތީ ނިންމެވި ނިންމެވުމެއް ކަމަށެވެ. އަދި ރާއްޖޭގެ އިމުގެ ތެރެއަށް އިޒްރޭލުގެ އެއްވެސް މީހަކަށް އާދެވޭ ގޮތް ވުމަކީ މި ސަރުކާރުން ގަބޫލުކުރާ ހަމައެއް ނޫން ކަމަށާއި އެއީ މި ސަރުކާރުގެ ސިޔާސަތެއް ވެސް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.














