އަންނަ އަހަރުގެ ރަމަޟާން މަހަށް އަމާޒުކޮށްގެން މާލެ ސިޓީ ކައުންސިލުން އިންތިޒާމުކުރާ ޤުރުއާން ކިޔެވުމާއި މަދަޙަ ކިޔުމުގެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތު، އަންނަ ބުދަ ދުވަހުގެ ރޭގަނޑު 11:59 އާ ހަމައަށް އިތުރުކޮށްދީފިއެވެ.
ސިޓީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި މި މުއްދަތު އިތުރުކުރުމަށް ނިންމީ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކޮށްދިނުމަށް ގިނަ އަދަދެއްގެ ބެލެނިވެރިން އެދެމުންދިއުމާ ގުޅިގެންނެވެ. އެ މުބާރާތުގައި ބައިވެރިވުމަށް އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ މަހުގެ 22 އިން ފެށިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
މި ދެ މުބާރާތް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަ އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި، 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16 އަހަރުން ދަށުގެ އިތުރުން 19 އަހަރުން ދަށުގެ އުމުރުފުރާއެވެ. އުމުރުފުރާ ކަނޑައެޅުމުގައި ބަލާނީ މި އަހަރުގެ ޖެނުއަރީ 1 އާ ހަމައަށް ދަރިވަރަށް ފުރޭ އަހަރަށެވެ.
މުބާރާތުގެ އުސޫލުގައިވާ ގޮތުން 6 އަހަރުން ދަށުގެ އުމުރުފުރާގެ ބައިވެރިންގެ ކިޔެވުމާއި މަދަހައަށް އިންސާފެއް ނުކުރާނެއެވެ. އަދި ޤުރުއާން މުބާރާތުގެ އެހެން އުމުރުފުރާތަކުން ކިޔަވަން ޖެހޭނީ ހަތިމުގެ ބޭނުންކޮންމެ ތަނަކުން 5 ފޮޅުވަތާއި 7 ފޮޅުވަތާ ދެމެދުގެ މިންވަރެކެވެ.
ޤުރުއާން މުބާރާތް ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮތްޕަށް ހުޅުވާލާފައިވާއިރު، ކޮންމެ ދަރިވަރަކަށްވެސް ބައިވެރިވެވޭނީ އެއް އުމުރުފުރާއެއްގެ އެއް ގޮފީގައެވެ. މުބާރާތުގެ ޖޫނިއާ ގުރޫޕުގައި 9 އަހަރުން ދަށާއި 11 އަހަރުން ދަށުގެ އުމުރުފުރާ ހިމެނޭއިރު، ސީނިއާ ގުރޫޕުގައި ހިމެނެނީ 13 އަހަރުން ދަށާއި، 16 އަހަރުން ދަށާއި 19 އަހަރުން ދަށުގެ އުމުރުފުރާއެވެ.
ވަނަތަކަށް ހޮވޭ ބައިވެރިންނަށް އަގުހުރި ފައިސާގެ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މުޅި މުބާރާތުން 1 ވަނައަށް ހޮވޭ ދަރިވަރަކަށް 50،000 ރުފިޔާގެ އިނާމެއް ލިބޭއިރު، 2 ވަނައަށް 25،000 ރުފިޔާ އަދި 3 ވަނައަށް 15،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.
މީގެއިތުރުން ސީނިއާ އަދި ޖޫނިއާ ގުރޫޕުގެ ވަކިވަކި ގޮފިތަކުން 1 ވަނައަށް 15،000 ރުފިޔާ، 2 ވަނައަށް 10،000 ރުފިޔާ އަދި 3 ވަނައަށް 7،000 ރުފިޔާ ކަނޑައަޅާފައިވެއެވެ. އަދި ކޮންމެ އުމުރުފުރާއެއްގެ ވަކިވަކި ގޮފިތަކުން 1 ވަނައަށް 10،000 ރުފިޔާ، 2 ވަނައަށް 7،000 ރުފިޔާ އަދި 3 ވަނައަށް 5،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތްތަކުގައި ބައިވެރިވާން އެދޭ ދަރިވަރުންނަށް ސިޓީ ކައުންސިލްގެ ޚާއްޞަ ޕޯޓަލް (competitions.malecity.gov.mv) މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެއެވެ.














