ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި، މަތީ ތަޢުލީމު ހާސިލުކުރާ ދަރިވަރުންގެ ލޯނު ފެސިލިޓީއަށް 651 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހިމަނައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފަރާތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހަޅުއްވައިދެއްވަމުން މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ޙަސަން ޒަރީރު ވަނީ ތަޢުލީމީ ދާއިރާއަށް ކަނޑައަޅުއްވާފައިވާ މުހިންމު ކަންކަމުގެ ތަފްސީލު ހާމަކުރައްވާފައެވެ.
ވަޒީރު ހާމަކުރެއްވި ގޮތުގައި، ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ ހިލޭ ޑިގްރީ ޕްރޮގްރާމަށް އަންނަ އަހަރުވެސް 136.3 މިލިޔަން ރުފިޔާ ހޭދަކުރުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން، މަތީ ތަޢުލީމު ޙާސިލުކުރާ ދަރިވަރުންނަށް ދޫކުރާ އެޑިއުކޭޝަން ލޯނު ފެސިލިޓީއަށް 651 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ބަޖެޓުގައި ކަނޑައަޅާފައެވެ.
ތަޢުލީމީ ދާއިރާގެ ޢުމްރާނީ ތަރައްޤީއަށް ޚާއްޞަ އިސްކަމެއް ދީފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ އެކި ރަށްރަށުގައި ސްކޫލްތަކުގެ ކްލާސްރޫމްތަކާއި، މަލްޓިޕާޕަސް ހޯލްތަކުގެ އިތުރުން ލެބޯޓްރީތަކާއި، މަތީ ތަޢުލީމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމަށް މި ބަޖެޓުން މަގުފަހިވެގެންދާނެ ކަމަށެވެ.
”ފާގަތި ޤައުމެއް ބިނާކުރުމަށް ބޭނުންވާ ހުނަރާއި ޢިލްމު އުނގަންނައިދިނުމަށްޓަކައި، ކޮންމެ ކުއްޖަކަށްމެ ފެންވަރު ރަނގަޅު ތައުލީމެއް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރިކަމެއް. މި މަޤުސަދު ހާސިލުކުރުމަށް އެހީތެރިވުމުގެ ގޮތުން މިބަޖެޓުގައި ރާއްޖޭގެ އެކި ރަށްރަށުގައި ތައުލީމީ ދާއިރާގެ އުމްރާނީ ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވޭ،“ ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، ކޮންމެ ކުއްޖަކީވެސް ތަފާތު ގޮތްގޮތަށް އުނގެނޭ ކުއްޖެއްކަން ފާހަގަކުރައްވައި، ކޮންމެ ކުއްޖަކަށްވެސް އެ ކުއްޖެއްގެ ފުރިހަމަ ޤާބިލިއްޔަތަށް ވާސިލުވުމުގެ ފުރުސަތު ހޯދައިދިނުމަށްޓަކައި އިންކްލޫސިވް އެޑިޔުކޭޝަންގެ ނިޒާމު އިތުރަށް ވަރުގަދަ ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ޚާއްޞަ އެހީއަށް ބޭނުންވާ އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ފޯރުކޮށްދީ، އެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށްވެސް 2027 ވަނަ އަހަރުގެ ބަޖެޓުގައި ވަނީ ޚާއްޞަ ސަމާލުކަމެއް ދީފައެވެ.














