ދައުލަތުން 2027 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިޔަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައިވާއިރު، އޭގެ ތެރެއިން 33.6 ބިލިޔަން ރުފިޔާއަކީ ޓެކުހުގެ ގޮތުގައި ލިބޭނެ އާމްދަނީ ކަމަށް ބަޖެޓު ރިޕޯޓުން ދައްކައިފިއެވެ. އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާ ދައުލަތުގެ ޖުމްލަ ބަޖެޓަކީ 59.7 ބިލިޔަން ރުފިޔާއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ޓެކްސް އާމްދަނީ އިތުރުވާނެ ކަމަށް ލަފާކުރެވޭ މައިގަނޑު ސަބަބަކީ ޓެކުހާ ގުޅޭ ޤާނޫނުތަކަށް ގެންނަން ނިންމާފައިވާ އިސްލާހުތަކެވެ. މިގޮތުން، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު 2026 އޮކްޓޫބަރު 18 ގައި ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. އަދި 2026 އޮކްޓޫބަރު 19 ގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުވެސް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ލަފާކުރާ ގޮތުގައި، 1 ޖަނަވަރީ 2027 އިން ފެށިގެން އަމަލުކުރަން ފަށާ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ އިސްލާހުތަކާއެކު، އިތުރު 495.3 މިލިޔަން ރުފިޔާ ލިބޭނެއެވެ. ޖުމްލަ ގޮތެއްގައި 2027 ވަނަ އަހަރު އިންކަމް ޓެކުހުގެ ގޮތުގައި 6،707 މިލިޔަން ރުފިޔާ ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ. މިއީ 2026 ވަނަ އަހަރަށްވުރެ 4.8 އިންސައްތައިގެ ކުރިއެރުމެކެވެ. އިންކަމް ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ އަދަދުތަކުގެ ތެރޭގައި ވިޔަފާރީގެ ފައިދާއިން ނަގާ ޓެކުހުގެ ގޮތުގައި 3،234.2 މިލިޔަން ރުފިޔާ، ބޭންކް ޕްރޮފިޓް ޓެކުހުގެ ގޮތުގައި 1،562 މިލިޔަން ރުފިޔާ، އަދި ނަން-ރެސިޑެންޓް ވިތުހޯލްޑިންގ ޓެކުހުގެ ގޮތުގައި 1،360 މިލިޔަން ރުފިޔާ ހިމެނެއެވެ.
ފަތުރުވެރިކަމުގެ ދާއިރާއަށް ބަލާއިރު، ދާއިރާ އިތުރަށް ހަމައަކަށް އެޅި، ސޭލްސް ކުރިއަރައިގެން ދިއުމާއެކު، ޓީޖީއެސްޓީގެ ގޮތުގައި 12،130.2 މިލިޔަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. އަދި އައު ރިސޯޓުތައް ހުޅުވި، ކުލި ދައްކާ ފަރާތްތައް އިތުރުވުމުގެ ސަބަބުން، ރިސޯޓު ބިމު ކުލީގެ ގޮތުގައި 2،369.1 މިލިޔަން ރުފިޔާ ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ. މީގެއިތުރުން، އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި 4،403.4 މިލިޔަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައިވާއިރު، މިއީ 2026 ވަނަ އަހަރާ އަޅާބަލާއިރު 7.3 އިންސައްތައިގެ އިތުރުވުމެކެވެ.
އާންމު މުދަލާއި ޚިދުމަތުގެ އަގުތައް އުފުލި، ޑިކްލެއަރކުރާ އާމްދަނީ އިތުރުވުމާ ގުޅިގެން ޖީޖީއެސްޓީގެ ގޮތުގައި ލިބޭ އާމްދަނީ 7.3 އިންސައްތައިން ކުރިއަރައި، 6،245.4 މިލިޔަން ރުފިޔާ ލިބޭނެކަމަށް ބަޖެޓުގައި ވަނީ ބަޔާންކޮށްފައެވެ.
މީގެއިތުރުން، ކުދި ވިޔަފާރިތަކަށް ލުއިފަސޭހަ މާހައުލެއް ޤާއިމުކޮށްދިނުމުގެ ގޮތުން، 1 ޖަނަވަރީ 2027 އިން ފެށިގެން ޖީޖީއެސްޓީއަށް ރަޖިސްޓްރީކުރަންޖެހޭ އަހަރީ ސޭލްސް ތްރެޝޯލްޑް 1 މިލިޔަން ރުފިޔާއިން 1.5 މިލިޔަން ރުފިޔާއަށް މަތިކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.














