ޔަމަނުގެ ހުޅަނގު އައްސޭރީގައި ސަރުކާރު ސިފައިންނާއި ޙޫޘީންނާ ދެމެދު ވަރުގަދަ ހަނގުރާމަތަކެއް ކުރިއަށްދާއިރު، ޙޫޘީން ޙިޞާރުކޮށްފައިވާ ތަޢިއްޒު ސިޓީގައި 347،000 އަށްވުރެ ގިނަ ކުޑަކުދިންނަށް ވެކްސިން ނުދެވި، ބޮޑު ސިއްޙީ ކާރިސާއަކާ ކުރިމަތިލާންޖެހިއްޖެއެވެ.
ތަޢިޒް ސިޓީގެ ވަށައިގެންވާ ސަރަޙައްދުތަކުގައި ބަދަލުކުރެވެމުންދިޔަ ހަމަލާތައް މިވަގުތު މަޑުޖެހިފައި އޮތް ނަމަވެސް، ހުޅަނގު އައްސޭރީގައި ސަރުކާރު ސިފައިން ދަނީ ޙޫޘީންގެ އަސްކަރީ އުޅަނދުތަކަށާއި އެހީތެރިވާން އަންނަ ފައުޖުތަކަށް އަމާޒުކޮށް ވަރުގަދަ އާޓިލަރީ ޙަމަލާތަކެއް ދެމުންނެވެ.
ތަޢިއްޒުގެ ސިއްޙީ އިދާރާތަކުން ހާމަކުރާ ގޮތުގައި، ޙިޞާރުގެ ސަބަބުން ބޭހާއި ވެކްސިން އެތެރެކުރުން ވަނީ މުޅިން ހުއްޓިފައެވެ. މީގެ ސަބަބުން 347،000 ކުޑަކުދިންނަށް ދޭންޖެހޭ މީސަލްސް (ހިމަބިހި) އަދި ރުބެއްލާ ވެކްސިން ނުދެވި، އެކުދިންގެ ފުރާނައަށް ވަނީ ބޮޑު ނުރައްކަލަކާ ކުރިމަތިވެފައެވެ.
ތަޢިއްޒުއަކީ ޔަމަނުގައި ފެން އެންމެ ތަދު އެއް ސިޓީއަށް ވާއިރު، ކާބޯތަކެއްޗާއި ބޯފެނާއި ބޭސް އެތެރެކުރެވެން އޮތް މައިގަނޑު މަގުކަމަށްވާ ހުޅަނގު ރޫޓު ހުޅުވާލައި، ޙިޞާރު ނިމުމަކަށް ގެނައުމަށް ތަޢިއްޒުގެ ގަވަރުނަރު ވަނީ ގޮވާލައްވާފައެވެ.














