ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުން ހިމެނޭ ވަޓްސްއެޕް ގްރޫޕުން މިއަދު ބޭރުކޮށްފިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުންގެ ގްރޫޕުން ޝާހިދު ވަކިކޮށްފައިވީ ނަމަވެސް، އޭނާއަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އެ ޕާޓީގެ ރަސްމީ ބަހެއް އަދި ސީނިއާ މެންބަރެއްގެ ވާހަކައެއްވެސް މީގެ ކުރިން ހާމަކޮށްފައެއް ނުވެއެވެ.
އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ޝާހިދު ހައްޔަރުކުރީ މި މަހުގެ 2 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ނަމަވެސް، މައްސަލައިގެ ހައްސާސްކަމުން ފުލުހުންވެސް އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ ޝާހިދުގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ދީފައެވެ. ކުޑަކުއްޖަކު ހިމެނޭ މައްސަލައަކަށްވާތީ ކޯޓު އަމުރު އާންމުކޮށްފައި ނުވި ނަމަވެސް، އެވަރުގެ ބަންދުގެ މުއްދަތެއް ކޯޓުން ދެނީ މައްސަލައިގައި ތުހުމަތު ކުރެވޭވަރުގެ އެކަށީގެންވާ ހެކި ހުރުމުންނެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރު ޤާނޫނީ އިމުގެ ތެރެއިން ސައްޙަ ނޫން ކަމަށް ބުނެ، ޝާހިދުގެ ފަރާތުން މިހާރު ވަނީ އެ އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.













