ސްކޭޓް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ 5 ވަނަ ”ދިރާގު އޯޕަން އިންލައިން ސްކޭޓިން މުބާރާތް“ ކާމިޔާބުކަމާއެކު އިއްޔެ ނިންމާލައިފިއެވެ.
މި މަހުގެ 5 އިން 7 ގެ ނިޔަލަށް ކުރިއަށްދިޔަ މި މުބާރާތުގައި ޖުމްލަ 121 ސްކޭޓަރުން ވާދަކޮށްފައިވާއިރު، މާލޭގެ އިތުރުން އަތޮޅުތެރޭގެ ކުލަބުތަކުން ވެސް މިފަހަރު ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން އައްޑޫ ސްކޭޓް ކުލަބުގެ 18 ކުދިންނާއި، މައުރޫފް ސްޕީޑް ސްކޭޓިން ކުލަބުގެ 38 ކުދިން، ސަންޝައިން ސްޕޯޓްސް އެކަޑަމީގެ 22 ކުދިން އަދި ސްކޭޓް މޯލްޑިވްސްގެ 41 ކުދިން ވަނީ މުބާރާތުގެ އެކި އުމުރުފުރާތަކުގައި ހުނަރު ދައްކާލާފައެވެ.
މި މުބާރާތުގެ ޓްރެކް އިވެންޓުތައް އަލަށް ތަރައްޤީކުރި މާލޭ ސްކޭޓް ޕާކުގައި ބޭއްވިއިރު، ރޯޑް އިވެންޓުތައް ކުރިއަށްގެންގޮސްފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައެވެ. މިއީ މާލޭގެ އާ ސްކޭޓް ޕާކުގައި މިފަދަ ބޮޑު މުބާރާތެއް ކާމިޔާބުކަމާއެކު ބޭއްވުނު ދެވަނަ ފަހަރެވެ. މުބާރާތް ފެށިގެން ދިޔައީ 5 އަހަރުން ދަށުގެ ކުޑަކުދިންގެ ފެސްޓިވަލަކުން ކަމަށްވާއިރު، 5 އަހަރާއި 15 އަހަރާ ދެމެދުގެ ފަސް އުމުރުފުރާއަކުން ކުދިން ވަނީ ބައިވެރިވެފައެވެ.
ސްކޭޓް މޯލްޑިވްސްއިން ހާމަކުރި ގޮތުގައި، މި މުބާރާތް ނިމިގެންދިޔައީ ވަރަށް ވާދަވެރި އަދި އެހާމެ ފޯރިގަދަ މާހައުލެއްގައެވެ. އަދި މި މުބާރާތުގެ ސަބަބުން ރާއްޖޭގެ ޒުވާން ސްކޭޓަރުންނަށް އެކުދިންގެ ހުނަރުތައް އިތުރަށް ތަރައްޤީކުރުމަށާއި، ކުރިއަށް އޮތް ތަނުގައި ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކުރުމަށް ބޮޑު ހިތްވަރަކާއި ތަޖުރިބާއެއް ލިބިގެން ގޮސްފައިވާ ކަމަށް އެ ފަރާތުން ފާހަގަކުރެއެވެ.













