ގއ. ވިލިނގިލީގައި ސަރުކާރުން ކުރިއަށްގެންދާ ވަޤުފް މަޝްރޫޢުގެ ދަށުން އަޅަމުންދާ ޢިމާރާތުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ސޯޝަލް މީޑިއާގައި ޙިއްޞާކުރި މަޢުލޫމާތުގައިވާ ގޮތުން، ވިލިނގިލީ ވަޤުފް ޢިމާރާތުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ޢިމާރާތުގައި ސިމެންތި ޖެހުމުގެ މަސައްކަތްތަކެވެ. އަދި ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށްދާނަމަ، 2026 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް މި ޢިމާރާތުގެ އެންމެހާ މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެ ކަމަށް އެ މިނިސްޓްރީން މަޢުލޫމާތު ދެއެވެ.
ގއ. ވިލިނގިލީގައި ސަރުކާރުން ޤާއިމުކުރާ ވަޤުފް މަޝްރޫޢު ކުރިއަށް ދަނީ. މިހާރު ކުރިޔަށް ދަނީ، ޢިމާރާތުގައި ސިމެންތި ޖެހުމުގެ މަސައްކަތް. މިގޮތުން، 2026 ޑިސެންބަރު މަހުގެ ނިޔަލަށް ވަޤުފް ޢިމާރާތުގެ އެންމެހާ މަސައްކަތްތައް ނިމޭނެ.
މިއީ، ވަޤުފްގެ ދާއިރާ ފުޅާކުރުމާއި، ވަޤުފް… pic.twitter.com/VpXlT1nzi1— Ministry of Islamic Affairs & Endowments (@MVIaffairs) November 7, 2026
މި މަޝްރޫޢަކީ ރާއްޖޭގައި ވަޤުފްގެ ދާއިރާ އިތުރަށް ފުޅާކުރުމަށާއި، އިސްލާމީ ވަޤުފްގެ ނިޒާމު ހަރުދަނާކޮށް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރަށްރަށުގައި އިޖުތިމާޢީ އަދި ދީނީ މަންފާ އިތުރުކުރުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފް މަޝްރޫޢުތައް ޤާއިމުކޮށް، އެއިން ލިބޭ ޢާމްދަނީން ދީނީ އެކި ކަންކަމަށާއި އިޖުތިމާޢީ ކަންކަމަށް ޚަރަދުކުރުމަށް ޚާއްޞަ އިސްކަމެއް ދީގެން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.














