މެޓާ ކުންފުނިން މިދިޔަ ސެޕްޓެމްބަރު މަހު ނެރުނު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެސިސްޓެންޓް ”މިއުޒް“ އަށް ބޮޑު އަޕްޑޭޓެއް ގެނެސް، އޭއައިއާ އެކު ވަގުތުން އަޑުން ވާހަކަދެއްކޭ ”މިއުޒް ވޮއިސް“ ފީޗާ ތައާރަފުކޮށްފިއެވެ.
މި އައު ފީޗާގެ ސަބަބުން ބޭނުންކުރާ ފަރާތްތަކަށް ހަގީގީ އިންސާނަކާ ވާހަކަދައްކާ ފަދަ އިހުސާސެއް ލިބިގެންދާނެ ކަމަށް މެޓާއިން ބުނެއެވެ. އެގޮތުން، ވާހަކަދައްކާއިރު މޫނުމަތީގެ ހަރަކާތްތަކާއި ޖަޒުބާތުތައް ދައްކުވައިދޭ ”މިއުޒް ރިއަލްޓައިމް އެވަޓާ“ އާއެކު ވީޑިއޯ ކޯލެއްގެ ސިފައިގައި މޫނަށް ބަލައިގެން ވާހަކަދެއްކުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން ޗެޓް ކުރަމުން އެވަޓާ ފެންނަ ގޮތަށް ނުވަތަ އެވަޓާއަކާ ނުލައި ހަމައެކަނި އަޑުން ވެސް މިއުޒްއާ މުއާމަލާތު ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.
މެޓާއިން ހާމަކުރި ގޮތުގައި މި އަޕްޑޭޓް މިހާރު ވަނީ މޯބައިލް، ވެބް އަދި މެކް ޕްލެޓްފޯމްތަކަށް ދޫކޮށްލަން ފަށައިފައެވެ. މި ފީޗާ ލިބިފައިވާ ފަރާތްތަކަށް ފޯނުގެ އައިކަންއަށް ފިތާލުމަށްފަހު ވަގުތުން ވާހަކަދައްކަން ފެށޭނެއެވެ. އަދި ގޫގުލްގެ ޖެމިނައި ލައިވް ފަދައިން، މިއުޒް ވާހަކަދައްކަމުން ދަނިކޮށް މެދުކަނޑާލައި (އިންޓަރަޕްޓް ކޮށްފައި) ސުވާލުކުރުމުގެ ފުރުސަތު ވެސް ލިބެއެވެ. މީގެއިތުރުން ބޭނުންކުރާ ފަރާތްތަކަށް އެތައް ސަތޭކަ އަޑުތަކާއި ސްޓައިލްތަކުގެ ތެރެއިން އެމީހަކު ބޭނުންވާ ގޮތަކަށް މިއުޒްގެ މިޒާޖު ބަދަލުކޮށްލެވޭނެއެވެ.
މެޓާގެ މި އެސިސްޓެންޓަކީ ވަޓްސްއެޕް ފަދަ އެޕްލިކޭޝަންތަކުން މިހާރު ފެންނަ މެޓާ އޭއައި ޗެޓްބޮޓާ އަޅާބަލާއިރު ވަރަށް ބޮޑަށް ތަފާތު ޚިދުމަތެކެވެ. މިއުޒްގައި ހިމެނޭ އެޖެންޓިކް އޭއައި ގާބިލިއްޔަތުކަމާއި، ހަރަކާތްތެރި އެވަޓާތަކުގެ އިތުރުން ދިގު މުއްދަތަކަށް ކަންކަން ހަނދާނުގައި ބެހެއްޓުމުގެ (ލޯންގް-ޓާމް މެމޮރީ) ގާބިލުކަން މިއުޒްއަށް ލިބިފައިވެއެވެ.
މި ފީޗާ މިވަގުތު ބޭނުންކުރެވެނީ ހަމައެކަނި އެމެރިކާގެ ޔޫޒަރުންނަށެވެ. މީގެކުރިން ސެޕްޓެމްބަރު މަހު އެމެރިކާގައި ނެރުނު މިއުޒް އެސިސްޓެންޓް މިހާރު ކެނެޑާއަށް ލިބެމުން ދިޔަނަމަވެސް، އެޕް ސްޓޯރުގެ ސަރަހައްދީ ހިފެހެއްޓުންތަކުގެ ސަބަބުން މި ދެ ގައުމުން ބޭރުގެ ފަރާތްތަކަށް އަދި މި ޚިދުމަތް ލިބޭގޮތެއް ނުވެއެވެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައި އެހެން ގައުމުތަކުގެ މާކެޓްތަކަށް މި ފީޗާ ނެރޭނެ ކަމަށާއި، މެޓާ އޭއައި އައިނު އަދި އަލަށް ނެރުމަށް ތައްޔާރުވަމުންދާ ”މިއުޒް ޗާމް“ އަށް ވެސް މި ޓެކްނޮލޮޖީ ގެންނާނެ ކަމަށް މެޓާއިން ވަނީ ކަށަވަރުކޮށްދީފައެވެ.











