އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށްޓަކައި، ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް ”އެންމެ ފުރިހަމަ ވަގުތު“ އަންނަންދެން މަޑުކުރެވެން ނެތް ކަމަށާއި، ވީހާވެސް އަވަހަކަށް އެއްބަސްވުމަކަށް އައުމަށް ގަތަރުން ގޮވާލައިފިއެވެ.
ގަތަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އަލް ޘާނީ މިކަމަށް ގޮވާލެއްވީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނި ވަރސިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށާއި، ވަގުތު ބޭކާރު ކުރުމަކީ އިތުރު ނުރައްކާތަކަކާ ކުރިމަތިލާންޖެހިދާނެ ކަމެއް ކަމަށެވެ.
މި ދަނޑިވަޅުގައި، ހޮރްމުޒް ކަނޑުއޮޅީގައި އޮންނަ އީރާނުގެ ގޭޝްމް ޖަޒީރާއަށް ދެ މިސައިލް ހަމަލާއެއް އަރާފައިވާ ކަމަށް އީރާނުގެ ރަސްމީ ނޫސް އޭޖެންސީ (އިރްނާ) އިން ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް، މި ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެއެވެ.
ގަތަރުގެ ޚާރިޖީ ވަޒީރުގެ ސްޓްރެޓީޖިކް ކަންކަމާ ބެހޭ މުޝީރު ޢަލީ އަލް-ޘަވާދީ ’ދަ ވޮޝިންގޓަން ޕޯސްޓް‘ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެމެރިކާގެ މިޑްޓާމް އިންތިޚާބުގެ ސަބަބުން އީރާނާ މެދު އެމެރިކާއިން ގެންގުޅޭ ސިޔާސަތަށް އަންނާނެ ބަދަލުތަކަށް އީރާނުގެ ލީޑަރުން ފާރަވެރިވަމުންދާ ކަމަށެވެ.
އަދި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ފޮނުއްވި ސިޓީފުޅަކީ ލިބުނު އިހުތިރާމެއްގެ ގޮތުގައި އީރާނުން ދެކޭ ކަމަށާއި، މި ހަނގުރާމައަކީ ހެދުނު ގޯހެއް ކަމަށް ވެންސް ވިދާޅުވި ވިދާޅުވުން އީރާނުން ބަލައިގެންފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން، އެމެރިކާގެ ޑިމޮކްރެޓުންނާއި ރިޕަބްލިކަނުން އެއްބަސްވާ ފަދަ ސުލްހަވެރި ހައްލެއް ހޯދުމަށް އެމެރިކާއިން އިސްނަގައިގެން ކުރިއަށްދާނެ ކަމަށް އީރާނުން އުންމީދުކުރާ ކަމަށްވެސް އަލް-ޘަވާދީ ފާހަގަކުރެއްވިއެވެ.











