އެމެރިކާއިން އީރާނާ ދެކޮޅަށް އަލުން އަސްކަރީ ޙަމަލާތަކެއް ދީފިނަމަ، ސިޔާސީ މަޝްވަރާގެ ދޮރުތައް މުޅިން ބަންދުވެ، ޓްރަމްޕުގެ ސަރުކާރާއެކު ދެން އެއްވެސް މަޝްވަރާއެއް އީރާނުން ނުކުރާނެ ކަމަށް އީރާނުގެ ’އަލް-ވަފާޤް‘ ނޫހުގެ އެޑިޓަރ-އިން-ޗީފް މުޙްސިން ޙައްދާދު ބުނެފިއެވެ.
އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި ޙައްދާދު ބުނީ، މެދުވެރިން މެދުވެރިކޮށް ހުށަހެޅުނު ޕްލޭނަށް އެމެރިކާއިން ދޭނެ ޖަވާބަކަށް އީރާނުން އިންތިޒާރު ކުރަމުންދާ ކަމަށެވެ. އަދި ފައިނަލް މަޝްވަރާތަކަށް ދެވޭނީ އީރާނުން ހުށަހަޅާފައިވާ 7 ޝަރުޠު އެމެރިކާއިން ފުރިހަމައަށް ތަންފީޛުކުރުމުން ކަމަށް އޭނާ ބުންޏެވެ.
ސިޔާސީ މަސައްކަތްތައް ނާކާމިޔާބުވެ، އެމެރިކާއިން އަލުން އަސްކަރީ ޙަމަލާތައް ފަށައިފިނަމަ، ޓްރަމްޕްގެ ސަރުކާރާއެކު އަލުން ސިޔާސީ ވާހަކަތައް ދެއްކުމަށް އީރާނުން އެއްބަސްނުވާނެ ކަމަށާއި، ޑިޕްލޮމެޓިކް ހުރިހާ މަގުތަކެއް މުޅިން ބަންދުވާނެ ކަމަށް ޙައްދާދު ބުންޏެވެ.
މި އިންޒާރު އައިސްފައިވަނީ އީރާނުގެ ބާކީ އޮތް ބައި ”ހަލާކުކޮށްލަން“ ޖެހިދާނެ ކަމަށް ރައީސް ޓްރަމްޕް އިންޒާރު ދީފައިވާ ދަނޑިވަޅެއްގައެވެ. ޤަޠަރު މެދުވެރިކޮށް ކުރިއަށްދާ މަޝްވަރާތަކަށް އެމެރިކާއިން ދޭ ޖަވާބަކީ ކުރިއަށް އޮތް ދުވަސްތަކުގައި ހަނގުރާމަ ހުއްޓޭނެތޯ ނުވަތަ ދިގުދެމިގެންދާނެތޯ ކަނޑައެޅޭނެ މުހިންމު ނުކުތާއެކެވެ.














