ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި 31 ވަނަ އެސޯސިއޭޝަން ޗެމްޕިއަންޝިޕް މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ސިންގަލްސް ތަށި މުޙައްމަދު ޝައްފާން އިސްމާޢީލް އަދި މަލާކު ބިންތި މުޢިއްޒު ކާމިޔާބުކޮށްފިއެވެ.
މާލޭ ޓީޓީ ހޯލުގައި ކުރިއަށްދިޔަ މި މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލް މެޗުގައި ޝައްފާން ވަނީ މޫސާ މުންސިފްގެ މައްޗަށް ސީދާ ހަތަރު ސެޓުން ކުރިހޯދާފައެވެ. މި މެޗުގެ ސެޓުތައް އޭނާ ގެންދިޔައީ 2-11، 8-11، 7-11 އަދި 6-11 އިންނެވެ.
މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން މަލާކު ހޯދީ ފައިނަލް މެޗުގައި އައިޝަތު މަލަކު ތަސީންއާ ވާދަކޮށް ސީދާ ހަތަރު ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. އެ މެޗުގެ ސެޓުތައް މަލާކު ގެންދިޔައީ 8-11، 8-11، 9-11 އަދި 8-11 އިންނެވެ.
ސިންގަލްސް އިވެންޓުގެ އިތުރުން ޑަބަލްސް ބަޔަށް ބަލާއިރު، ފިރިހެން ޑަބަލްސް ތަށި އުފުލައިލީ ޝައްފާން އަދި މުޙައްމަދު ޚަލަފް ރާފިޢުގެ ޖޯޑެވެ. އަންހެން ޑަބަލްސް ޗެމްޕިއަންކަން މިޝްކާ މުޙައްމަދު އިބްރާހީމް އަދި މަލަކު ހޯދިއިރު، މިކްސް ޑަބަލްސް ބައިގެ ޗެމްޕިއަންކަން ހޯދީ މުންސިފް އަދި މަލާކުގެ ޖޯޑެވެ.
ނިމިދިޔަ އޮކްޓޫބަރު 29 އިން ފެށިގެން ކުރިއަށްދިޔަ މި މުބާރާތުގައި ދެ ޑިވިޝަން ހިމެނޭހެން ޖުމްލަ 110 ކުޅުންތެރިން ބައިވެރިވިއެވެ. މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވަނަވަނައަށް ދިޔަ ކުޅުންތެރިންނަށް މެޑެލް އަދި ތަށި ހަވާލުކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ.










