ޒަޔަނިސްޓު ފިކުރާ މެދު ދިރާސާކޮށް، ހިފާފައިވާ ފަލަސްޠީނުގެ ބިމަށް ޒިޔާރަތްކުރުމުން ”އިޒްރޭލުގެ ކޮންމެ އިންޗިއަކީ ފަލަސްޠީނުކަން“ ސާފުވެގެންދިޔަ ކަމަށް ޕުލިޓްޒަރ އިނާމު ހޯދާފައިވާ އެމެރިކާ-ޑަޗު ލިޔުންތެރިޔާ ބެންޖަމިން މޯސަރ ބުނެފިއެވެ.
ޓައިމްސް ރޭޑިއޯއަށް ދިން އިންޓަވިއުއެއްގައި މޯސަރ ބުނީ، އޭނާ ބޮޑުވީ އެމެރިކާގެ ލިބަރަލް ޒަޔަނިސްޓް އާއިލާއެއްގެ ތެރޭގައި ކަމަށެވެ. ނަމަވެސް 2016 ވަނަ އަހަރު ހުޅަނގު ކަރައިގެ ޚަލީލް (ހެބްރޮން) ސިޓީއަށް ކުރި ޒިޔާރަތާއި، ޣައްޒާގައި އިޒްރޭލުން ހިންގާ ޢުދުވާންތަކުގެ ސަބަބުން އޭނާގެ ވިސްނުން މުޅިން ބަދަލުވި ކަމަށެވެ. ”ޒަޔަނިޒަމް ދިރާސާކުރި ވަރަކަށް އަހަންނަށް އެނގުނީ އިޒްރޭލުގެ ކޮންމެ އިންޗިއަކީ ފަލަސްޠީނުކަން. އެއީ އެކަން އޮތްގޮތް،“ މޯސަރ ބުންޏެވެ.
1948 ވަނަ އަހަރު ފަލަސްޠީނު ރައްޔިތުން ގެދޮރުން ނެރެލި ނަކްބާއަކީ މާޒީގައި ހިނގާފައިވާ އެކަހެރި ޙާދިސާއެއް ނޫން ކަމަށާއި، އެއީ ފަލަސްޠީނުގެ ބިންތައް ފޭރުމަށް އިޒްރޭލުން ހުއްޓުމެއްނެތި އަދިވެސް ހިންގަމުންދާ ނިޒާމީ ޖަރީމާއެއްގެ ގޮތުގައި މޯސަރ ސިފަކުރިއެވެ.













