ދުޅަހެޔޮ ޞިއްޙަތަކީ މާތް ﷲ އިންސާނާއާ ޙަވާލުކުރައްވާފައިވާ މަތިވެރި އަމާނާތަކަށް ވީހިނދު، އެ އަމާނާތް ރައްކާތެރިކޮށް، އަމިއްލަ ޞިއްޙަތަށް ފަރުވާތެރިވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި މުޅި ރާއްޖޭގެ މުސްލިމުންނަށް ގޮވާލައިފިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި މިއަދު އިއްވި ޚުޠުބާ ޚާއްޞަކޮށްފައިވަނީ ”ޞިއްޙަތަށް ފަރުވާތެރިވުން“ މި މަޢޫޟޫއަށެވެ.
ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، އެއްވެސް އިޚުތިޔާރަކާ ނުލައި ހަށިގަނޑުގެ އެތައް މަސައްކަތްތަކެއް އަބަދުވެސް ހުއްޓުމެއް ނެތި ހިނގަހިނގައި ހުންނައިރު، އޭގެ އަގު ވަޒަންކުރެވެނީ އެއިން ކަމަކަށް ބުރޫއަރައި ނުވަތަ އުނިކަމެއް އައުމުންނެވެ. އެހެންކަމުން، މާތް ﷲ ދެއްވި މި ނިޢުމަތްތަކަށް އަބަދުމެ ޝުކުރުވެރިވެ، އެކަލާނގެ މަތިން ހަނދުމަކޮށް ކިޔަމަންތެރިކަމުގައި ދެމިތިބުމަށް ވަނީ ނަޞޭޙަތްތެރިވެފައެވެ.
މީގެއިތުރުން، އިންސާނާގެ ނަފުސަކީ ﷲ ޙަވާލުކުރައްވާފައިވާ އަމާނާތަކަށް ވާތީ، ހިތް އެދޭހައި ގޮތަކަށް އެ އަމާނާތް ނަގައިލުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެން ނުވާކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ. އަދި ގަސްދުގައި ހަށިގަނޑަށް ގެއްލުންދިނުމާއި، ނުރައްކާތަކަށް ނަފުސު ހުށަހެޅުމާއި، ޞިއްޙަތަށް އިހުމާލުވެ ބޭނުންވާ ޒަރޫރީ ފަރުވާ ދޫކޮށްލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަށްވެސް ބަޔާންކުރިއެވެ.
މިއަދު ލިބިފައިވާ ބާރާއި ޒުވާންކަމަކީ އަބަދު ދެމިއޮންނާނެ ކަމެއް ނޫންކަން ފާހަގަކުރައްވައި ޚުޠުބާގައި ވިދާޅުވީ، އުމުރުން ދުވަސްވެ ހަށިގަނޑުގެ ބާރުދެރަވާނެ ދުވަހެއް އަންނާނެ ކަމަށެވެ. އެހެންކަމުން، ޞިއްޙަތު ރައްކާތެރިކުރުމުގެ މައިގަނޑު ބޭނުމަކީ ހަމައެކަނި ބަލިތަކުން ދުރުވެހުރުން ނޫން ކަމަށާއި، އެއީ ﷲ އަށް ކުއްތަންވެ ހެޔޮ ޢަމަލުކުރުން ކަމުގައި ޚުޠުބާގައި ވިދާޅުވިއެވެ. އެގޮތުން ނަމާދުގައި ކޮޅަށް ހުރުމާއި، މިސްކިތަށް ހިނގާފައި ދިއުމާއި، މައިންބަފައިންނަށް ޚިދުމަތްކުރުމާއި، ޙަލާލު ރިޒުޤު ހޯދުމަށް ކުރާ މަސައްކަތްތަކަކީ މާދަމާ ގެއްލިގެން ހިނގައިދާނޭ އަގުހުރި ފުރުޞަތުތަކެއް ކަމަށް ފާހަގަކުރެއްވިއެވެ.
ރަސޫލާގެ ޙަދީޘްފުޅެއްގެ އަލީގައި ޚުޠުބާގައި އިތުރަށް ވިދާޅުވީ، ގިނަ ބަޔަކު ޣާފިލުވެފައިވާ ދެ ނިޢުމަތަކީ ދުޅަހެޔޮ ޞިއްޙަތާއި ހުސްވަގުތު ކަމަށެވެ. އަދި އަތުގައިވާ މި އަގުހުރި ރައުސްމާލުގެ ބޭނުން ހެޔޮގޮތުގައި ނުހިފައި ދޫކޮށްލުމަކީ ލިބޭނެ ބޮޑު ގެއްލުމެއް ކަމަށާއި، ޤިޔާމަތް ދުވަހުން މި ނިޢުމަތްތަކާ މެދު ސުވާލުވެވޭނެކަން ދަނެ، ޞިއްޙަތާއި ވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް މިއަދުގެ ޚުޠުބާގައި ވަނީ ނަޞޭޙަތްތެރިވެ ވަޞިއްޔަތްކޮށްފައެވެ.












