އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު މަގާމުން ވަކިކުރުމުގެ މައްސަލަ ރިޕަބްލިކަން ޕާޓީގެ މެންބަރެއް ކަމަށްވާ ތޯމަސް މާސީ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއަށް އަންނަ ހަފުތާގައި އަލުން ހުށަހަޅަން ތައްޔާރުވަމުން އެބަދެއެވެ.
މިޑްޓާމް އިންތިހާބުގައި ރިޕަބްލިކަން ޕާޓީއަށް ކޮންގްރެސްގެ މެޖޯރިޓީ ގެއްލި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނީ އީރާނާ ދެކޮޅަށް ހެގްސެތު އިސްވެ ހުރެ ފެށި ހަނގުރާމައިގެ ސަބަބުން އާންމުންގެ ނުރުހުން އަމާޒުވުމުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ކުރިން ހުށަހެޅި 8 ނުކުތާގެ މައްޗަށް އެކުލެވޭ އިމްޕީޗްމަންޓް ގަރާރުގައި ހިމެނޭ މައިގަނޑު ތުހުމަތުތަކުގެ ތެރޭގައި ކޮންގްރެސްގެ ހުއްދަނެތި ވޯ ޕަވާސް ރިޒޮލިއުޝަނާ ހިލާފަށް އީރާނާއި ޔަމަނުގެ ހޫތީންނާ ދެކޮޅަށް އަސްކަރީ ހަރަކާތްތައް ހިންގުމާއި، އާންމު ރައްޔިތުން ރައްކާތެރިކުރުމަށް އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވުން ހިމެނެއެވެ. ވެނެޒުއެލާގެ ރައީސް ނިކޮލަސް މަޑޫރޯ ގާނޫނާ ހިލާފަށް ހައްޔަރުކުރުމާއި، ކެރީބިއަން އަދި ޕެސިފިކް ކަނޑުގައި ގާނޫނީ އިޖުރާއާތްތަކުގެ ބަދަލުގައި ސީދާ އަސްކަރީ ބާރުގެ ބޭނުންކުރުން ފަދަ ކަންކަން ވެސް މި ތުހުމަތުތަކުގައި ހިމެނެއެވެ.
ހައުސްގެ މެޖޯރިޓީ މިހާރު އޮތް ޑިމޮކްރެޓުންގެ ފުރިހަމަ ތާއީދު މި މައްސަލައަށް ލިބޭނެ ކަމަށް ބެލެވޭއިރު، އިންތިހާބުގެ ނަތީޖާއާ މެދު ހިތްހަމަނުޖެހިފައި ތިބި ރިޕަބްލިކަން ޕާޓީގެ ބައެއް މެންބަރުން ވެސް މި ގަރާރަށް ވޯޓު ދޭނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް ސެނެޓުން އޭނާ ކުށްވެރިކޮށް މަގާމުން ވަކިކުރަން ބޭނުންވާ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ހޯދުމަކީ ދަތި ކަމަކަށް ވާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
މި ހުރިހާ ތުހުމަތުތަކަކީ އޭނާގެ އަގުވައްޓާލަން ހިންގާ ސިޔާސީ ޗަރުކޭހެއް ކަމަށް ސިފަކޮށް، މަގާމުން އިސްތިއުފާ ނުދޭނެ ކަމަށާއި އީރާނާ ދެކޮޅު އަސްކަރީ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް ހެގްސެތު ވަނީ ބުނެފައެވެ.













