ފެނަކަ ކޯޕަރޭޝަނުން ރަށްރަށުގައި ދެމުން އައި ޔުޓިލިޓީގެ ހުރިހާ ޚިދުމަތްތަކެއް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމާ އެއްގޮތަށް، އެ މަސައްކަތް އެއްކޮށް ނިންމާލައި އެންމެ ފަހު ރަށެއްގެ ގޮތުން ލ. ފޮނަދޫގެ ޚިދުމަތްތަކާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެއެވެ.
މި ބަދަލާ ގުޅިގެން ލ. ފޮނަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ގައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރެވެ. އަދި ކުންފުނީގެ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ ސަައުތު ރީޖަނަލް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރ އަހުމަދު ޝަރުނީޒެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު ވިދާޅުވީ، އަތޮޅުތަކުގެ ރަށްތަކުގެ ޚިދުމަތްތަކާ ސްޓެލްކޯއިން ހަވާލުވުމުން ރައްޔިތުން ކުރާ އުއްމީދުތައް ބޮޑުވެގެންގޮސްފައިވާ ކަމަށެވެ. އަދި މިއީ ރައީސް މުޙައްމަދު މުޢިއްޒުގެ ދުރުވިސްނޭ ސިޔާސަތުގެ ތެރެއިން ނިންމެވި މުހިންމު ނިންމެވުމެއްކަން ފާހަގަކުރައްވައި، ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދިނުމަށް ކުންފުނީގެ މުވައްޒަފުން ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ކުރިން މާލެ ސަރަހައްދުގެ އިތުރުން ކ. އަތޮޅާއި، އއ. އަތޮޅާއި، އދ. އަތޮޅު އަދި ވ. އަތޮޅުގައި ސްޓެލްކޯއިން ޚިދުމަތް ދެމުން އައިއިރު، ފެނަކަ އުވާލުމުގެ ނިންމުމާއެކު ބ. އަތޮޅާއި، ޅ. އަތޮޅު އަދި މ. އަތޮޅުގެ ރަށްތައްވެސް ވަނީ ކުރިން ސްޓެލްކޯއަށް ބަދަލުކޮށްފައެވެ. އަދި މިއަދު ގެނެވުނު ބަދަލާއެކު، ބާކީ ހުރި އަތޮޅުތަކުގެ 127 ރަށެއްގެ ޔުޓިލިޓީ ޚިދުމަތްތައް މިހާރު ވަނީ ރަސްމީކޮށް ސްޓެލްކޯގެ ދަށަށް ގެނެސްފައެވެ.
މި ރަށްތަކުގެ ހިންގުން ހަރުދަނާކޮށް ސްޓެލްކޯގެ މިންގަނޑުތަކަށް ޚިދުމަތްތައް ފެއްތުމަށްޓަކައި ކުންފުނީގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނެސް، އަތޮޅުތަކުގެ އިންޖީނުގެތައް ހިންގާ ބެލެހެއްޓޭނެ އެކަށީގެންވާ އޮނިގަނޑެއް އެކުލަވާލައި ތަންފީޒުކުރަން ވަނީ ފަށާފައެވެ. މި މަސައްކަތުގައި ސްޓެލްކޯގެ ޖުމްލަ ހަތަރު ޓީމަކުން އަތޮޅުތެރޭގައި ހަރަކާތްތެރިވެފައިވެއެވެ.














