ލ. ގަމުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކަރަންޓާއި، ފެނާއި އަދި ނަރުދަމާގެ ޚިދުމަތް ދިނުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތްތައް ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު ލ. ގަމުގައި ވަނީ ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ. ގަމުގައި ބޭއްވި މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރެވެ. އަދި ސްޓެލްކޯގެ ކުންފުނީގެ ދިދަ ނަންގަވައިދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ނާޡިރެވެ.
ލ. ގަމުގައި ސްޓެލްކޯއިން ކަރަންޓާއި، ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން، މިއަދު އެ ރަށުގައި ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ވަނީ ބާއްވާފައި. މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު. އަދި ސްޓެލްކޯގެ ދިދަ… pic.twitter.com/gN94dT3Jb0
— STELCO (@STELCOMALDIVES) November 5, 2026
ސްޓެލްކޯއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ރަސްމިއްޔާތާއެކު އެ ކުންފުނިން ލ. ގަމުގެ ރައްޔިތުންނަށް ފުރިހަމަ އަދި އިތުބާރު ހުރި ގޮތެއްގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އައު ބާބެއް ވަނީ ފެށިފައެވެ. އަދި މި ޚިދުމަތްތައް ހިންގުމާ އެ ކުންފުނިން ޙަވާލުވީ، ރައްޔިތުންނަށް ފެންވަރު ރަނގަޅު، ދެމެހެއްޓެނިވި ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަތިވެރި މަޤްޞަދުގައެވެ.
މި ރަސްމިއްޔާތުގައި ސްޓެލްކޯގެ އިސްވެރިންނާއި، މުވައްޒަފުންގެ އިތުރުން ގަމުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ކައުންސިލްގެ މެންބަރުން ވަނީ ބައިވެރިވެފައެވެ.
ލ. ގަމުގެ ޔުޓިލިޓީ ޚިދުމަތްތަކާއި ސްޓެލްކޯއިން ރަސްމީކޮށް ޙަވާލުވުމަށްފަހު، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރާއި، ކުންފުނީގެ ބައެއް އިސްވެރިން ވަނީ ގަމުގެ ސްޓެލްކޯ އޮފީހަށާއި، އިންޖީނުގޭގެ އިތުރުން ފެން ޕްލާންޓަށް ޒިޔާރަތް ކުރައްވާފައެވެ. މި ޒިޔާރަތުގައި، ވަނީ އޮފީހާއި އިންޖީނުގޭގެ އިތުރުން ފެންޕްލާންޓުގެ މަސައްކަތްތައް ބައްލަވާލައްވައި މުވައްޒަފުންނާ ބައްދަލުކުރައްވާ، ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް އޮޅުންފިލުއްވައި، އެ ކަންކަން ޙައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.













