ނ. އަތޮޅުގެ ރަށްތަކުގައި ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތައް ދިނުމާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ރަސްމީކޮށް ޙަވާލުވެ، ޚިދުމަތް ދޭން ފަށައިފިއެވެ.
ސްޓެލްކޯއިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި ބަދަލު ގެނެސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެގޮތުން، ނ. އަތޮޅުގެ ރަށްތަކަށް ފެނަކައިން ފޯރުކޮށްދެމުން އައި ޚިދުމަތްތަކާ މިހާރު އެ ކުންފުނިން ރަސްމީކޮށް ވަނީ ހަވާލުވެފައެވެ.
އެ ކުންފުނިން ބުނި ގޮތުގައި، ޚިދުމަތާ ޙަވާލުވި ދުވަހުން ފެށިގެން، އެ އަތޮޅުގައި ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ސްޓެލްކޯގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި މި މަސައްކަތްތައް މެދުކެނޑުމެއްނެތި މިހާރުވެސް ދަނީ ކުރެވެމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ނ އަތޮޅުގެ ރަށްތަކުގައި ފެނަކައިން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތައް ދިނުމާ މި ކުންފުނިން މިހާރު ވަނީ ރަސްމީކޮށް ޙަވާލުވެ، ޚިދުމަތް ދޭން ފަށާފައި. މިގޮތުން، މި އަތޮޅުގައި ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު… pic.twitter.com/lymBqfgfbt
— STELCO (@STELCOMALDIVES) November 4, 2026
ސްޓެލްކޯއިން އިތުރަށް ބުނެފައިވަނީ، އެ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ނ. އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި، ފެންވަރު ރަނގަޅު އަދި ދެމެހެއްޓެނިވި ޔުޓިލިޓީ ޚިދުމަތެއް ކަށަވަރުކޮށްދިނުން ކަމަށެވެ.
ސަރުކާރުން މި ބަދަލު ގެނެސްފައިވަނީ އަތޮޅުތަކުގައި ދެވޭ ޔުޓިލިޓީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ރައްޔިތުންނަށް ލުއިފަސޭހަ އަދި އިތުބާރު ހުރި ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ.













