އަންނަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ފާހަގަކުރުމަށް ހަމަޖެހިފައިވާ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ދިނުމަށް ނިންމާފައިވާ ޚާއްޞަ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އިތުރުކޮށް، އެކަމަށް އެދޭ ފަރާތްތަކަށް ސަރުކާރުން އިތުރު ވަގުތު ދީފިއެވެ.
މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ނިންމާފައިވަނީ މި އެވޯޑުތަކަށް ނަން ހުށަހެޅުމުގެ މުއްދަތު ކުރިއަށް އޮތް ނޮވެމްބަރު 7 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ދަންމާލުމަށެވެ.
މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ދިނުމަށް ހަމަޖެހިފައިވަނީ ކަނޑުމަތީގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ ޚާއްޞަ ހަތަރު ދާއިރާއެއްގެ އެވޯޑެވެ.
އޭގެ ތެރޭގައި ހިމެނެނީ އާމްދަނީ ހޯދުމަށް މަސްވެރިކަން ފިޔަވައި އެހެން މަސައްކަތެއް ނުކުރާ، އަދި އަމަލީ ގޮތުން ކަނޑުމަތީގައި އުޅޭ އުމުރުން 35 އަހަރުން ދަށުގެ ޒުވާނުންގެ ތެރެއިން ހޮވާ އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅަށް ދޭ އެވޯޑެވެ.
މީގެ އިތުރުން، އުމުރުން 35 އަހަރުން ދަށުގެ ޒުވާނުންގެ ތެރެއިން މަސްވެރިކަމުގެ ދާއިރާގައި ދެމިތިބި އެންމެ ތަޖުރިބާކާރު ކެޔޮޅުގެ އެވޯޑުވެސް ދިނުމަށް ވަނީ ނިންމާފައެވެ.
އަދި އާމްދަނީ ހޯދުމުގެ ބޭނުމުގައި ފަރުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ޚިދުމަތްތެރި ފަރުމަހު މަސްވެރިޔާގެ އެވޯޑުވެސް މި ފަހަރު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ހަމައެއާއެކު، މަސްވެރިކަމުގެ އަމަލީ މަސައްކަތުގައި ހަރަކާތްތެރިވެ، އެ ކަމުން އާމްދަނީ ހޯދަމުން އަންނަ އެންމެ ޚިދުމަތްތެރި އަންހެން މަސްވެރިޔާގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ ޚާއްޞަ އެވޯޑުވެސް މިއަހަރުގެ ޖަލްސާގައި އެރުވޭނެއެވެ.
މި އެވޯޑުތަކަށް ކުރިމަތިލާން އެދޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ފޯމު މަސްވެރިކަމާ ބެހޭ ވުޒާރާގެ ރަސްމީ ވެބްސައިޓުން މިހާރު ޑައުންލޯޑު ކުރެވެން ހުންނާނެ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.
އެ ވުޒާރާއިން އެދިވަޑައިގަންނަވަނީ ފުރިހަމަކޮށްފައިވާ ފޯމުތައް ކަނޑައަޅާފައިވާ ސުންގަޑީގެ ކުރިން އީމެއިލް މެދުވެރިކޮށް ހުށަހެޅުއްވުމަށެވެ.










