މާލީ ދަތިތަކާއެކުވެސް މި ސަރުކާރުން ބޭންކުތައް މެދުވެރިކޮށް ރަސްމީ ރޭޓުގައި ދޫކުރި ޑޮލަރުގެ މިންވަރު ކުރީގެ ސަރުކާރާ އަޅާބަލާއިރު ގާތްގަނޑަކަށް ދެގުނައަށް އިތުރުވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ރަސްމީ ރޭޓު ކަމަށްވާ 15.42 ރުފިޔާގައި މިހާތަނަށް ޖުމްލަ 1.94 ބިލިއަން (1,942.45 މިލިއަން) އެމެރިކާ ޑޮލަރު ދޫކޮށްފައިވާ ކަމަށެވެ. މިއީ ޒަރޫރީ ބޭނުންތަކާއި، ޓީޓީގެ ޚިދުމަތްތަކުގެ އިތުރުން ތައުލީމާއި ބޭސްފަރުވާ އަދި އީ-ކޮމާސް އާއި ހައްޖާއި އުމްރާގެ ކަންކަމަށް ދޫކުރެވުނު ފައިސާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ވޭތުވެދިޔަ އަހަރުތަކުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ސައީދު ވިދާޅުވީ 2024 ވަނަ އަހަރު 486.53 މިލިއަން ޑޮލަރު ދޫކުރެވުނުއިރު، 2025 ވަނަ އަހަރު އެ އަދަދު 733.82 މިލިއަން ޑޮލަރަށް އުފުލުނު ކަމަށެވެ. އަދި ހިނގަމުންދާ 2026 ވަނަ އަހަރުގެ މިހާތަނަށްވެސް 718.53 މިލިއަން ޑޮލަރު ރަސްމީ ރޭޓުގައި ދޫކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
އޭގެ އިދިކޮޅަށް، އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ބީއެމްއެލް މެދުވެރިކޮށް ދޫކުރެވިފައިވަނީ ޖުމްލަ 1,075 މިލިއަން ޑޮލަރު ކަން ސައީދު ފާހަގަކުރެއްވިއެވެ. އެގޮތުން 2021 ގައި 253.38 މިލިއަން، 2022 ގައި 379.2 މިލިއަން އަދި 2023 ގެ ނޮވެމްބަރު 17 އާ ހަމައަށް ދޫކުރެވުނީ 442.56 މިލިއަން ޑޮލަރު ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ބޭރު ފައިސާގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށްޓަކައި، ރާއްޖެއަށް ވަންނަ ޑޮލަރު ގައުމުގައި ހިފެހެއްޓުމުގެ މުހިންމު ސިޔާސަތުތަކެއް ސަރުކާރުން ތަންފީޒުކުރަމުންދާ ކަމަށް ސައީދު ވިދާޅުވިއެވެ. ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް ގެނެވުނު ބަދަލަކީ އިގްތިސާދު ހަމައަކަށް އަޅުވައި ޑޮލަރުގެ އޮށްވަޅު ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ގައުމު ދަރަނިވެރިވެ އިގްތިސާދީ ގޮންޖެހުންތަކާ ކުރިމަތިވެފައިވީ ނަމަވެސް، އެޅި އިސްލާހީ ފިޔަވަޅުތަކުގެ ސަބަބުން އާންމުންނަށާއި ވިޔަފާރިތަކަށް ރަސްމީ ރޭޓުގައި ލިބޭ ޑޮލަރުގެ މިންވަރު އިތުރުކުރެވިފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ސަރުކާރުން ޑޮލަރު ދޫނުކުރާ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ތުހުމަތުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.












