މޯލްޑިވްސް ޕޮލިސް ސާވިސްގެ ކޮންސްޓެބަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ. މުސާރައާއި އިނާޔަތްތަކާއެކު މި މަގާމަށް މަހަކު 15،500 ރުފިޔާ ލިބޭނެއެވެ.
ފުލުހުން ކޮށްފައިވާ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަގާމަށް ކުރިމަތިލެވޭނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ. އަދި އިސްކޮޅުގެ ޝަރުތެއްގެ ގޮތުން ފިރިހެނެއް ނަމަ 5 ފޫޓު 5 އިންޗި، އަދި އަންހެނެއް ނަމަ 5 ފޫޓު 2 އިންޗި ހުންނަން ޖެހެއެވެ.
ތައުލީމީ ފެންވަރަށް ބަލާއިރު، އެސްއެސްސީ އިމްތިހާނުން މަދުވެގެން ދެ މާއްދާއިން ”ސީ“ ފާސް އަދި ޖީސީއީ އޯލެވެލް އިމްތިހާނުން ދެ މާއްދާއިން ”ސީ“ ފާސް ލިބިފައިވުން ނުވަތަ އެއާ އެއްވަރުގެ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތުން ޝަރުތުގައިވެއެވެ. މީގެ އިތުރުން ގްރޭޑް 10 ނިންމާފައިވާ ފަރާތްތަކަށް ވެސް ކުރިމަތިލެވޭއިރު، ޑިޕާޓްމަންޓް އޮފް ޖެނެރަލް ޕޮލިސިންގ (ޑީޖީޕީ) ގެ ވަކި މަގާމުތަކަށް ހާއްސަ ޓެކްނިކަލް ހުނަރުތައް ބޭނުންވާނެ ކަމަށް އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.
މި ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ހަވީރު 16:00 ގެ ނިޔަލަށެވެ. ފޯމު ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގެ މެންދުރުފަހު 14:00 އިން 16:00 އަށެވެ. އިންޓަވިއުއަށް ދައުވަތު ދެވޭނީ ޝަރުތު ހަމަވާ އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.
މަގާމަށް މީހުން ހޮވުމުގައި ބެލެވޭ މިންގަނޑުތަކުގެ ތެރޭގައި ކުށުގެ ރެކޯޑު ބެލުމާއި، ފިޓްނަސް ޓެސްޓު، ފެތުމުގެ ޓެސްޓު، އެޕްޓިޓިއުޑް ޓެސްޓު، އިންޓަވިއު އަދި މެޑިކަލް އެގްޒަމިނޭޝަން ހިމެނެއެވެ. އަދި ވަޒީފާއަށް މީހުން ހޮވުމުގައި އިސްކަންދެވޭނީ މި ޓެސްޓުތަކުން އެންމެ މަތީ މާކްސް ހޯދާ ފަރާތްތަކަށެވެ.
ކޮންސްޓެބަލްގެ މަގާމަށް އެދި ހުށަހަޅާ ފޯމާއި، ކުށުގެ ރެކޯޑު ސާފުކުރާ ފޯމު ފުލުހުންގެ ރަސްމީ ވެބްސައިޓުން މިހާރު ލިބެން ހުންނާނެއެވެ.














