އެހެން ފަރާތްތަކުގެ ކައިރީގައި ސަލާންޖަހަން ނުޖެހޭ ފަދަ އަމިއްލަ ފުދުންތެރި އިޤްތިޞާދެއް ބިނާކޮށްގެން މެނުވީ ޤައުމަކަށް ފުރިހަމަ މިނިވަންކަން ނުލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ފަޚުރުވެރި ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވަކި ފަރުދަކަށް ވިޔަސް އަދި މުޅި ޤައުމަކަށް ވިޔަސް އަމިއްލަ މިނިވަންކަމާއެކު ބަސްބުނެ، އެހެން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެވެނީ މާލީ އަދި އިޤްތިޞާދީ ގޮތުން އަމިއްލަ ފުދުންތެރިކަން ލިބިގެން ކަމަށެވެ. އަދި ދަރަނިވެރިވެއްޖެ ހާލަތެއްގައި އަބަދުވެސް ތިބެންޖެހޭނީ ދަރަނިދޭ ފަރާތުގެ ކިޔަމަނުގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
1988 ނޮވެންބަރު ތިނެއްގައި ދިވެހިން ނުކުމެ ހަތިޔާރުގެ އަޅުވެތިކަމުން ޤައުމު ސަލާމަތްކުރި ފަދައިން، މިއަދު ދަރަނީގެ އަޅުވެތިކަމުން ވެސް ޤައުމު މިނިވަންކުރަން ޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ޤައުމެއްގައި އަމިއްލަ ބަސް ބުނެ، އަމިއްލަ ދީނާއި ގޮތްތައް ރައްކާތެރިކުރެވެނީ ސަލާންޖަހަން ނުޖެހޭ ފަދަ އިޤްތިޞާދީ މިނިވަންކަމެއް ލިބިގެންނެވެ.
ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ޤައުމުގެ އިޤްތިޞާދު އޮތީ ފުން އަނދަވަޅެއްގައި ކަމަށާއި، ނަމަވެސް ޒިންމާދާރުކަމެއް ނެތި ފައިސާ ޗާޕުކުރުން ހުއްޓާލައި، ނަގާފައިވާ ދަރަނިތައް ދައްކަން ފެށުމުން ބަނގުރޫޓުވުމުގެ ބިރުން ޤައުމު ސަލާމަތްކުރެވިފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި މީގެ ސަބަބުން ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް އަލުން ލިބެމުން އަންނަ ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސިޔާސީ ތަޢައްޞުބާއި ޒާތީ އަރާރުންތަކަށްވުރެ ޤައުމީ މަޞްލަޙަތު އިސްކޮށް، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ރަތް ރޮނގު ވަރަށް ފަލަކޮށް ދަމަހައްޓަންޖެހޭ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވިއެވެ.













