ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކޮށްފިއެވެ. ވަގުތީ ނަތީޖާއަށް އެއްވެސް ބަދަލެއް ނެތި އިއުލާންކުރި ދާއިމީ ނަތީޖާއިން ދައްކާ ގޮތުގައި، އިދިކޮޅު އެމްޑީޕީގެ މައްޗަށް ބޮޑު ކުރިއެރުމެއް ހޯދައި، މި އިންތިޚާބު ކާމިޔާބުކޮށްފައިވަނީ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިންނެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުން އެލްޖީއޭގެ ބޯޑަށް އިންތިޚާބީ 3 ގޮނޑިއެއް ޚާއްޞަކޮށްފައިވެއެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން ހޮވާ މެންބަރަކާއި، ރަށު ކައުންސިލްތަކުގެ ރައީސުންގެ ތެރެއިން އައްޔަންކުރާ މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ރައީސާއިންގެ ތެރެއިން އިންތިޚާބުކުރާ މެންބަރެކެވެ.
މި އިންތިޚާބުގައި ސިޓީ ކައުންސިލްތައް ތަމްސީލުކުރައްވާ ގޮނޑިއަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފް ފިޔަވައި އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީ، ވޯޓަކާ ނުލައި އޭނާ ވަނީ އެލްޖީއޭ ބޯޑަށް އިންތިޚާބުވެވަޑައިގެންފައެވެ. އެހެންކަމުން ވޯޓުލުން ކުރިއަށްދިޔައީ ބާކީ އޮތް ދެ ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުމަށެވެ.
ރަށު ކައުންސިލްތަކުގެ ރައީސުންގެ ތެރެއިން އެލްޖީއޭއަށް އައްޔަންކުރާ މެމްބަރުގެ މަޤާމަށް ޕީއެންސީގެ އަލީ އަހުމަދު އިންތިޚާބުވެވަޑައިގަތީ 314 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި އެމްޑީޕީގެ އަލީ ޒާފިރުއަށް ލިބިވަޑައިގަތީ 227 ވޯޓެވެ. ޖުމްލަ ވޯޓުގެ 58.04 އިންސައްތަ ހޯއްދަވައިގެން ޕީއެންސީން މި ގޮނޑި ކާމިޔާބުކުރިއިރު، ހަތަރު އަތޮޅެއް ފިޔަވައި އެހެން ހުރިހާ އަތޮޅެއްގެ އަޣުލަބިއްޔަތު ލިބިފައިވަނީ ޕީއެންސީގެ ކެންޑިޑޭޓަށެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާއިންގެ ތެރެއިން އެލްޖީއޭއަށް އިންތިޚާބުވެވަޑައިގަތީ ޕީއެންސީގެ މަރިޔަމް ޒީނާއެވެ. އޭނާ މި ގޮނޑި ކާމިޔާބުކުރެއްވީ 93 ވޯޓް ހޯއްދަވައިގެންނެވެ. އެމްޑީޕީގެ މަރިޔަމް ނީނާއާ އަށް ލިބުނީ 67 ވޯޓެކެވެ.














