ބަށިބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ އެސޯސިއޭޝަން ބަށިބޯޅަ މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް އައިސް ޓީވީ ހަމަޖައްސައި، އެ ކަމުގެ ފަހުމުނާމާ (އެމްއޯޔޫ) ގައި ސޮއިކޮށްފިއެވެ.
މި މުބާރާތަކީ ދިވެހިރާއްޖޭގެ އަންހެނުންގެ މެދުގައި ސަގާފީ އަދި ކުޅިވަރުގެ ރޫޙު އާލާކޮށް، ބަށިބޯޅަ ކުރިއަރުވައި އިތުރު ފުރުޞަތުތައް ހޯދައިދިނުމުގެ މަޤްޞަދުގައި ބޭއްވޭ މުހިންމު މުބާރާތެކެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި އައިސް ޓީވީ ހަމަޖެހިގެން ދިއުމާއެކު، މުބާރާތުގެ ޚަބަރުތަކާއި މެޗުތަކުގެ މައުލޫމާތުތައް ފުޅާދާއިރާއެއްގައި އާންމުންނަށް ފޯރުކޮށްދިނުމަށް ވަނީ މަގުފަހިވެފައެވެ.
އެސޯސިއޭޝަނުން މައުލޫމާތު ދޭ ގޮތުގައި، ކުރިއަށް އޮތް މުބާރާތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން އަންހެނުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބެމުންދެއެވެ. އެގޮތުން މިހާތަނަށް ރާއްޖޭގެ ތަފާތު ސަރަޙައްދުތަކުން ޖުމްލަ 20 ޓީމަކުން މުބާރާތުގައި ބައިވެރިވެފައިވާއިރު، މިއީ 350 އަށްވުރެ ގިނަ ކުޅުންތެރިންގެ ބައިވެރިވުމެކެވެ.
މި ކަމާ ގުޅޭގޮތުން ބަށިބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޗެއަރޕާސަން ނަހުލާ އަލީ ވިދާޅުވީ، ރާއްޖޭގެ އެކި ރަށްރަށުން މި މުބާރާތަށް ލިބެމުންދާ ބޮޑު ތަރުހީބަކީ ބަށިބޯޅަ ކުޅިވަރު ދިރުވައި އާލާކުރުމަށް ކުރެވޭ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ. އަދި މުބާރާތް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި ވާންޖެހޭ އެންމެހައި ތައްޔާރީތައް މިހާރު ވަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.










