އީރާނާއެކު ކުރެވެމުންދާ ހަނގުރާމަ ”ކޮންމެވެސް އެއްގޮތަކުން ވަރަށް އަވަހަށް ނިމުމަކަށް އަންނާނެ“ ކަމަށާއި، އީރާނާއެކު އެއްބަސްވުމަކަށް ނޭރިއްޖެނަމަ އެމެރިކާއިން ”އަމިއްލައަށް ހަނގުރާމަ ނިންމާލާނެ“ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރުދީފިއެވެ.
އައިއޯވާގައި ބޭއްވި ކެމްޕޭން ރެލީއެއްގެ ކުރިން ’ރައިޓް ސައިޑް ބްރޯޑްކާސްޓިންގ ނެޓްވޯކް‘ (އާރުއެސްބީއެން) އަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕް ބުނީ، އެމެރިކާއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި ކަމަށެވެ. ”ކޮންމެވެސް އެއްގޮތަކުން އަހަރެމެން ވަރަށް އަވަހަށް މީގެ ނިމުން ގެންނާނަން. އެމީހުން އެއްބަސްވުމެއް ހަދާނީ، ނޫންނަމަ އަހަރެމެން ހަނގުރާމަ ނިންމާލާނީ،“ ޓްރަމްޕް ބުންޏެވެ.
ޓްރަމްޕް މިހެން ބުނެފައިވަނީ، ޤަޠަރު މެދުވެރިކޮށް ދޯހާގައި ކުރިއަށްދާ މަޝްވަރާތަކުގައި، އީރާނުގެ 7 ޝަރުޠު ގަބޫލުކޮށްފިނަމަ ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް ދޭ މުއްދަތު 2 ދުވަހަށް ކުޑަކޮށްފައިވާ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ބުނެފައިވަނިކޮށެވެ.
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ފޮނުވި ސިޓީއާއެކު ވާހަކަތަކުގެ ރޫޙު ބަދަލުވެފައިވާކަމަށް އީރާނުން ބުނި ނަމަވެސް، ޓްރަމްޕްގެ ބަސްމަގުން އެނގެނީ ސިޔާސީ ޙައްލަކަށް ނޭރިއްޖެނަމަ އެމެރިކާއިން ވަރުގަދަ އަސްކަރީ ޙަމަލާތަކަކަށް ދާން ތައްޔާރަށް އޮތްކަމެވެ.













