ވަލީއަޙުދު މުޙައްމަދު ބިން ސަލްމާންގެ ’ވިޜަން 2030‘ ގެ ދަށުން ސަޢޫދީ ޢަރަބިއްޔާއަށް އިޤްތިޞާދާއި ތަރައްޤީގެ ނަމުގައި ގެންނަމުންދާ ދީނާ ޚިލާފު ބަދަލުތަކަކީ، އެބިމުގެ މާތްކަމާއި މުޤައްދަސްކަމާއި، އިސްލާމީ ރިސާލަތު ފޯރުކޮށްދެއްވުމަށް ޤުރްބާންވެވަޑައިގެންނެވި އެތައް ރަސޫލުންނަކާ ނަބިއްޔުންނާއި އަދި އެ ރިސާލަތު ވާރުތަކޮށް ޖީލަކަށްފަހު ޖީލަކަށް އެ ގެނެސްދެއްވުމަށް ބުރަމަސައްކަތްތަކެއް ކުރެއްވި އިޚްލާޞްތެރި ދީނީ ޢިލްމުވެރީންނަށް ވެވޭ ޚިޔާނާތެއްކަމުގައި ދީނަށް ލޯބިކުރާ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.
މިއީ ތެލަށް ބަރޯސާވެފައި އޮތް އިޤްތިޞާދު ބަދަލުކުރުމަށް ގެންނަ ބަދަލެއްކަމަށް ސަރުކާރުން ބުނި ނަމަވެސް، އިސްލާމްދީނުގެ މައި މަރުކަޒުގައި ހުޅަނގުގެ މަންހަޖަށް ދެޖިންސު މަސްހުނިކޮށް، ލަވަޔާއި މިއުޒިކާއި ޑީޖޭ ޝޯވ ތަކާއި، ހެލޮވީން ފަދަ ޣައިރު ދީންތަކުގެ ސަޤާފަތްތައް ޢާންމުކުރުމަކީ މުޅި އިސްލާމީ އުންމަތުގެ ކަންބޮޑުވުން އޮތް ކަމެކެވެ. މި ބަދަލުތައް ގެނައުމަށްޓަކައި ސަރުކާރުން ދަނީ ދީނީ މުއައްސަސާތަކުގެ ބާރު ކަނޑުވާލައި، ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ މުސްތަޤިއްލު ދީނީ ޢިލްމުވެރިން ޓެރަރިޒަމްގެ ޤާނޫނުތަކުގެ ދަށުން ހައްޔަރުކުރަމުންނެވެ. އަދި ދައުލަތް ހިންގުމުގައި ދީނީ ޢިލްމުވެރިންނަށް އޮތް ބާރުތައް ވަނީ އެއްކޮށް ކަނޑުވާލާފައެވެ. އިސްލާމްދީނުން ލާޒިމުކުރާ ހެޔޮ ކަންކަމަށް އަމުރު ކުރުމާއި ނުބައިކަންކަން މަނާކުރުމުގެ ޢަމަލީ ބާރުތައް ނަގައި، ހުރިހާ ބާރެއް ވަނީ ސީދާ ސަރުކާރުގެ އިސްވެރިންގެ އަތްމައްޗަށް ޖަމާކޮށްފައެވެ.
ހުޅަނގުގެ މުނިފޫހިފިލުވުމުގެ ޙަރަކާތްތައް ޤައުމުގައި ފެތުރުމުގެ މައިގަނޑު ބޭނުމަކީ، އިސްލާމީ އައިޑެންޓިޓީގެ ބަދަލުގައި، ސަރުކާރަށް ފުރިހަމައަށް ތަބާވާ، ދުނިޔަވީ (ސެކިއުލަރ) ވިސްނުމުގެ ޒުވާން ޖީލެއް ބިނާކުރުންކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. ކިބާރުލް ޢުލަމާ ފަދަ ރަސްމީ ދީނީ އިދާރާތައް ވަނީ ސީދާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފައެވެ. ސަރުކާރުން ކުއްލިއަކަށް ގެންނަ ސިޔާސަތުތަކަށް ދީނީގޮތުން ހުއްދަދިނުމަށްޓަކައި، ޒަމާންވީ ފަތުވާތައް ދަނީ ބަދަލުކުރަމުންނެވެ.
މީގެ އަނެއްކޮޅުން، ސަރުކާރުގެ މި ޢަމަލުތަކަށް ތާޢީދުނުކުރާ ނުވަތަ އިސްލާމީ އުޞޫލުތައް ނަގަހައްޓަން މަސައްކަތްކުރާ މުސްތަޤިއްލު ޢިލްމުވެރިން ޓެރަރިޒަމްގެ ތުހުމަތުގައި ދަނީ ޖަލަށްލައި އަނިޔާކުރަމުންނެވެ. ފަލަސްޠީނުގެ މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކަށް ބެލުމެއްނެތި، އެމެރިކާގެ އެހީތެރިކަމާއެކު އިޒްރޭލާއެކު ރަސްމީ ގުޅުން ޤާއިމުކުރުމަށް ސަޢޫދީން ދަނީ މަސައްކަތްކުރަމުންނެވެ. މިއީ އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަމަށްވުރެ، އެމެރިކާގެ ސަލާމަތީ އެހީތެރިކަމާއި އިޤްތިޞާދީ ފައިދާ ސަޢޫދީން އިސްކުރާކަމުގެ ސާފު ހެއްކެއްކަމަށް މާހިރުން ބުނެއެވެ.
މައްކާއާއި މަދީނާގެ ޙަރަމްފުޅު ބެލެހެއްޓުމަކީ މުޅި އިސްލާމީ އުއްމަތުގެ ފަރާތުން ސަޢޫދީ ސަރުކާރާ ޙަވާލުވެފައިވާ ބޮޑު އަމާނާތެކެވެ. ނަމަވެސް، ކުފުރުގެ ބާރުތަކަށް ދީލާލައި ތިބެ ޤައުމުގެ އެތެރޭގައި ޣައިރު ދީންތަކުގެ ސަގާފަތްތައް ފެތުރުމަށް ސަރުކާރުން އިސްވެ މަސައްކަތްކުރުމަކީ، މުޅި އިސްލާމީ އުއްމަތުގެ މެދުގައި ސަޢޫދީގެ ދީނީ ޙައިސިއްޔަތާމެދު ބޮޑެތި ސުވާލުތަކެއް އުފެދޭ ކަމެކެވެ.















ياالله! ހުރިހާ މުސްލިމް ޤައުމުތަކުގެވެރިންނަށް ހެޔޮވިސްނުންދެއްވާ ކާފަރުންބަލިކުރައް މުސްލިމުންނަށް ނަސްރުދެއްވާދޭވެ. أمين.