ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާގެ އިތުރުން ވިޔަފާރިއާއި ދައުލަތުގެ މުހިންމު މަގާމުތަކެއް ފުރުއްވާފައިވާ ރިލްވާން ޝަރީފް، އުމުރުފުޅުން 72 އަހަރުގައި މިއަދު ވަނީ އަވަހާރަވެފައެވެ. އޭނާ އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ރިލްވާން ވަނީ މިނިސްޓްރީ އޮފް ފިނޭންސްގެ ސްޓޭޓް މިނިސްޓަރު ކަމާއި ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމު ފުރުއްވާފައެވެ.
ކޯޕަރޭޓް ދާއިރާއަށް ބަލާއިރު، ދިރާގު 1988 ވަނަ އަހަރު އުފެދުނީއްސުރެ އެކި ފަހަރު މަތިން އެ ކުންފުނީގެ ބޯޑު މެންބަރުކަން ކުރެއްވިއެވެ. އަދި ޖެނުއަރީ 2014 އިން ފެށިގެން ފެބްރުއަރީ 2015 ގެ ނިޔަލަށް އޭނާ ވަނީ ދިރާގުގެ ބޯޑު އޮފް ޑިރެކްޓަރުންގެ ޗެއާމަންކަން ވެސް ކުރައްވާފައެވެ.
We are deeply saddened by the passing of Mr. Riluwan Shareef, who served on the Dhiraagu Board on multiple occasions, including at the time of the Company’s incorporation in 1988, and most recently as Chairperson from January 2014 to February 2015. His valuable contributions to… pic.twitter.com/MQdBHIsIlJ
— Dhiraagu (@Dhiraagu) November 2, 2026
ދިރާގުގެ އިތުރުން ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވި ރިލްވާން ވަނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ޑިރެކްޓަރު ކަމުގެ މަގާމު ވެސް އަދާކުރައްވާފައެވެ.
މަތީ ތައުލީމުގެ ދާއިރާއިން އޭނާ ވަނީ އޮސްޓްރޭލިއާގެ މެލްބަންގައި ހުންނަ އާރުއެމްއައިޓީ ޔުނިވާސިޓީން އިންޓަނޭޝަނަލް މެނޭޖްމަންޓުގެ ދާއިރާއިން މާސްޓާރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލު ކުރައްވާފައެވެ.
ރިލްވާން އަވަހާރަވުމާ ގުޅިގެން ދިރާގުން ފޮނުވި ތައުޒިޔާގެ މެސެޖުގައި، އެ ކުންފުންޏަށް އޭނާ ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ ހަނދާން އާކޮށް، މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރެއްވުމަށާއި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާކޮށްފައިވެއެވެ.













