އާއިލާއާއެކު މަރުވާން ބޭނުން ނުވާނަމަ އެކަނި މަރުވާން ބޭނުންވާ ތާކަށް ދިއުމަށް ޣައްޒާގެ ރައްޔިތުންނަށް އިސްރާއީލުން އަންގަމުންދާ ކަން މީޑިއާ ރިޕޯޓުތަކުން ހާމަވެއްޖެއެވެ.
އިސްރާއީލު ސިފައިން ވަނީ ފަލަސްޠީނު ރައްޔިތުން މަރާލުމުގެ ކުރިން ފޯނުން ގުޅައި، އާއިލާއާއެކު ބޮން އަޅައި މަރާލުމުގެ ބަދަލުގައި އެކަނި މަރުވާނެ ތަނަކަށް ދިއުމުގެ އިޚްތިޔާރު ދޭ އުސޫލެއް ގެންގުޅެން ފަށާފައެވެ. މިފަދަ އަމަލުތަކުގައި އިސްރާއީލުގެ އިންޓެލިޖެންސް އޮފިސަރުން ޝިކާރައަކަށްވާ މީހުންނަށް ގުޅައި، އެމީހުންގެ އާއިލާއާއި ގުޅުންހުރި އެހެން މީހުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ވަކިން ހުންނަ ތަނަކަށް ދިއުމަށް އަންގައެވެ.
މިފަދަ ހާދިސާއެއްގައި، ޚާން ޔޫނިސްގައި ހުރި ވަގުތީ ހިޔާވަހިކަމެއްގައި އާއިލާއާއެކު ދިރިއުޅެމުންދިޔަ ޒުވާނެއް ކަމަށްވާ މުޙައްމަދު އަލްބަޔޫކަށް އިސްރާއީލުގެ އިންޓެލިޖެންސް އޮފިސަރަކު ގުޅައި އިންޒާރު ދިނުމުން، އޭނާ ވަނީ އާއިލާ ސަލާމަތްކުރުމުގެ ބޭނުމުގައި އެ އިމާރާތުގެ ފުރާޅުމައްޗަށް އަރާފައެވެ. އެއާއެކު އިސްރާއީލުގެ ޑްރޯނަކުން ދިން މިސައިލް ހަމަލާއެއްގައި އޭނާ ވަނީ މަރުވެފައެވެ.
މި ހާދިސާގައި އަލްބަޔޫކް ފުރާޅުމައްޗަށް ދިޔަނުދީ ހުއްޓުވުމަށް މަސައްކަތްކުރި އޭނާގެ ބޮޑުދައިތައަކަށްވެސް ވަނީ އެ ހަމަލާގައި ބޮޑެތި އަނިޔާތަކެއް ވެފައެވެ. ވޭތުވެދިޔަ ތިން މަސްދުވަހުގެ ތެރޭގައި އިސްރާއީލުން ޣައްޒާގައި މަދުވެގެން މިފަދަ ފަސް ހާދިސާއެއް ހިންގާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
މީގެ އިތުރުން، މިދިޔަ ފެބްރުއަރީ މަހު ލުބުނާނުގައިވެސް މިފަދަ ހާދިސާއެއް ހިނގާފައިވެއެވެ. ލުބުނާނުގެ ދެކުނުގައި އުމުރުން 62 އަހަރުގެ އަޙްމަދު ތަރްމޫސް ނަމަކަށް ކިޔާ މީހަކަށް އިސްރާއީލު ސިފައިން ގުޅައި އިންޒާރު ދިންތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ޑްރޯން ހަމަލާއެއްދީ އޭނާ ވަނީ މަރާލާފައެވެ.













