އަދި ކިރިޔާ ހިއްކަން ފެށި ރަސްމާލޭގެ ބިމުގެ އަގު، ވޭތުވެދިޔަ ވިއްސަކަށް އަހަރުގެ ތަރައްގީއާ އެކު އަގުއުފުލިފައިވާ ހުޅުމާލޭގެ ބިމާ އަޅައިކިޔައިގެން ހިސާބު ހެދުމަކީ އިގްތިސާދީ ގޮތުން ހެދޭ ބޮޑު ގޯހެއް ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ލިންކެޑިންގައި ކުރެއްވި ޕޯސްޓެއްގައި މުއްތަލިބު މިހެން ވިދާޅުވީ، ރަސްމާލެ ތަރައްގީކުރުމަށް އީގަލް ހިލްސް ކުންފުންޏާ އެކު ހަދާ ޕާޓްނާޝިޕްގެ ދަށުން ދޭ 500 ހެކްޓަރުގެ ބިމުގެ އަގަކީ 24 ބިލިއަން ޑޮލަރު (ގާތްގަނޑަކަށް 370 ބިލިއަން ރުފިޔާ) ކަމަށް ބުނެ ނޫހެއްގައި ޝާއިއުކޮށްފައިވާ ރިޕޯޓަކަށް ރައްދު ދެއްވަމުންނެވެ.
އެ ރިޕޯޓުގައި ބުނާ 24 ބިލިއަން ޑޮލަރަކީ ހުޅުމާލޭގެ ބިމުގެ އަގު މިހާރު ހުރި އެވްރެޖް ނިސްބަތް ކަމަށްވާ އަކަފޫޓަކަށް 7،500 ރުފިޔާގެ މަގުން ރަސްމާލޭގެ މުޅި 500 ހެކްޓަރަށް ޖަހައިގެން ނެރެފައިވާ އަދަދެއް ކަމަށް މުއްތަލިބު ފާހަގަކުރެއްވި އެވެ. ނަމަވެސް އެއީ ބިމުގެ އަގު ކަނޑައެޅުމުގައި ބޭނުންކުރެވޭނެ އިގްތިސާދީ ހަމައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުމާލެ 1997 ގައި ހިއްކަން ފެށިއިރު އަކަފޫޓެއްގެ އަގަކީ 7،500 ރުފިޔާ ނޫން ކަން ފާހަގަކުރައްވައި މުއްތަލިބު ވިދާޅުވީ، ހުޅުމާލޭގައި ފުރަތަމަ 1،000 މީހުން އާބާދުވީ 2004 ގައި ކަމަށާއި އާބާދީ 50،000 އަށް އެރީ 2018 ގައި ސިނަމާލެ ބުރިޖު ހުޅުވުމާ އެކު ކަމަށެވެ. އަދި ހުޅުމާލެއަށް މިއަދު އެ އަގު ލިބިފައިވަނީ 20 އަހަރުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން އަސާސީ ހިދުމަތްތަކާއި ބުރިޖު ފަދަ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް ކުރި ބޮޑެތި ހަރަދުތަކުގެ ސަބަބުން ކަމަށް ވެސް ވިދާޅުވި އެވެ.
އެއްވެސް ހިދުމަތެއް ނުވަތަ އިގްތިސާދީ ހަރަކާތެއް އަދި ބުރިޖެއް ވެސް ނެތް ރަސްމާލެއާ އަޅައިކިޔަން އެންމެ އިންސާފުވެރި މިންގަނޑަކީ އެ ސަރަހައްދުގައި އޮތް، އަކަފޫޓެއް ގާތްގަނޑަކަށް 1،750 ރުފިޔާއަށް ވިއްކާ ތިލަފުށީގެ އަގު ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
ސިޓީއެއް ތަރައްގީކުރާއިރު މުޅި ބިމަކީ ވިއްކޭނެ ބިން ނޫންކަން ފާހަގަކުރައްވައި މުއްތަލިބު ވިދާޅުވީ، ރަސްމާލޭގެ 500 ހެކްޓަރުން ވެސް ވިއްކޭނީ ބޯހިޔާވަހިކަމާއި ވިޔަފާރިއަށް ހާއްސަކުރެވޭ ގާތްގަނޑަކަށް 48 ޕަސެންޓް (239 ހެކްޓަރު) ކަމަށެވެ. އަދި އެ ބިންތައް ވިއްކުމުގެ ކުރިން އަސާސީ ހިދުމަތްތައް ގާއިމުކުރުމަށް ދައުލަތުން ކުރީބައިގައި އެއް ބިލިއަން ޑޮލަރު (15.4 ބިލިއަން ރުފިޔާ) ހަރަދުކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގުޅިފަޅަށް ބޭނުންވާ 400 މިލިއަން ޑޮލަރުގެ ފައިނޭންސް ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިއިރު، މާލެއާ އެއްވެސް ގުޅުމެއް ނެތް ރަސްމާލެއަށް އެއް ބިލިއަން ޑޮލަރު ދައުލަތުން ހޯދާނެ ގޮތަކާމެދު މުއްތަލިބު ސުވާލު އުފެއްދެވި އެވެ.
ދައުލަތުން އަމިއްލައަށް އެ ބިން ތަރައްގީކޮށްގެން މިއަދުގެ އަގުގައި ވިއްކި ނަމަވެސް، ހަރަދުތައް ކެނޑުމުން ސާފު ފައިދާގެ ގޮތުގައި ލިބޭނީ ގާތްގަނޑަކަށް 1.5 ބިލިއަން ޑޮލަރު ކަމަށާއި، ނަމަވެސް އީގަލް ހިލްސްއާ އެކު ހެދި ޕާޓްނާޝިޕުން ދައުލަތަށް މާ ބޮޑު ފައިދާއެއް ލިބޭނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
އެގޮތުން ޑިވެލޮޕަރުގެ އާމްދަނީގެ 10 ޕަސެންޓްގެ ގޮތުގައި ދައުލަތަށް 3.1 ބިލިއަން ޑޮލަރު ލިބުމާއި، ޕްރޮޕަޓީތައް ވިއްކާ ކޮންމެ ފަހަރަކު ހަތަރު ޕަސެންޓްގެ ޓްރާންސްފާ ފީގެ ގޮތުގައި ގާތްގަނޑަކަށް 1.24 ބިލިއަން ޑޮލަރު ލިބުން ހިމެނޭ ކަމަށް މުއްތަލިބު ވިދާޅުވި އެވެ. މީގެއިތުރުން ރަސްމާލެއިން އެއްވެސް އާމްދަނީއެއް ލިބުމުގެ ކުރިން، ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އެޅުމުގެ ހަރަދު ޑިވެލޮޕަރު ހަމަޖައްސައިދޭނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ރަސްމާލޭގެ ބިން އެއްވެސް ބަޔަކަށް މިލްކުކޮށް ނުވިއްކާ ކަމަށާއި ދޫކުރަނީ 99 އަހަރުގެ ލީސްއަށް ކަމަށް މުއްތަލިބު ވިދާޅުވި އެވެ. އަދި އިވަލިއުސާވްގެ ދިރާސާތަކުން ދައްކާ ގޮތުގައި މި މަޝްރޫއުގެ ސަބަބުން ރާއްޖެއަށް 22 ބިލިއަން ޑޮލަރުގެ ބޭރުގެ އިންވެސްޓްމަންޓް ވަދެ، 60،000 އަށްވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ އެވެ.












