މާލޭގައި ފުޓްބޯޅަ ކުޅުންތެރިން އެންމެ ގިނައިން ބޭނުންކުރަމުން އަންނަ އެފްއޭއެމް ޓާފް ގްރައުންޑް 1 ގެ ހަލާކުވެފައިވާ ޓާފްގަނޑު ނަގައި، އެ ދަނޑުގައި އާ ޓާފް އެޅުމުގެ އަމަލީ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިހާރު ވަނީ ރަސްމީކޮށް ފަށާފައެވެ.
ކުޅިވަރާ ބެހޭ ވުޒާރާއިން ބޭނުންވާ ޓާފާއި އެހެނިހެން ތަކެތި ފޯރުކޮށްދީގެން ކުރިއަށްގެންދާ މި މަސައްކަތް ކުރިއަށް އޮތް 20 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވެއެވެ.
އެފްއޭއެމް 1 ދަނޑުގެ ޓާފް އެންމެ ފަހުން ބަދަލުކޮށްފައިވަނީ 2014 ވަނަ އަހަރު ކަމަށްވާއިރު، ގިނަ ދުވަސްތަކެއް ވަންދެން މަރާމާތުނުކުރެވި އޮތުމުގެ ސަބަބުން ދަނޑުގެ ހާލަތު އޮތީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މީގެ ސަބަބުން ކުޅުންތެރިންނަށް އަނިޔާވުމުގެ ފުރުސަތު ބޮޑުވެ، މެޗުތަކާއި ތަމްރީނުތައް ކުރިއަށްގެންދިއުމުގައި ބޮޑެތި ގޮންޖެހުންތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.
މި މަސައްކަތް ނިމުމުން މާލޭގެ ފުޓްބޯޅަ ކުޅުންތެރިންނަށް ރައްކާތެރި އަދި ފެންވަރު ރަނގަޅު މާހައުލެއްގައި ތަމްރީނުތަކާއި މެޗުތައް ކުރިއަށްގެންދިއުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.














