ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުން ހުސްވެފައިވާ ދެ ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުމަށް ބޭއްވި އިންތިޚާބު ސަރުކާރު ހިންގާ ޕީއެންސީގެ ދެ ކެންޑިޑޭޓުން ކާމިޔާބުކުރުމާ ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްދިޔަ މި އިންތިޚާބަކީ އެލްޖީއޭގެ ބޯޑުގައި ރަށު ކައުންސިލްތައް ތަމްސީލުކުރާނެ މެންބަރަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން ތަމްސީލުކުރާނެ މެންބަރަކު ހޮވުމަށް ބޭއްވި އިންތިޚާބެކެވެ.
މި އިންތިޚާބުގައި ރަށު ކައުންސިލަރުން ތަމްސީލުކުރާ މެންބަރުކަމަށް ވާދަކުރައްވައި އިންތިޚާބު ކާމިޔާބުކުރެއްވީ ފ. ނިލަންދޫ ކައުންސިލުގެ ރައީސް ޢަލީ އަޙްމަދެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާއިން ތަމްސީލުކުރާ މެންބަރުކަމަށް އިންތިޚާބުވީ ށ. ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ މަރިޔަމް ޒީނާއެވެ.
މީސްމީޑިއާގައި ރައީސް މުޢިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާއިން ދެއްވި ވޯޓަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ދެއްވި ތާއީދެއް ކަމަށެވެ.
މީގެއިތުރުން، އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވި އެންމެހައި ބޭފުޅުންނަށާއި، އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި ޕާޓީގެ ލީޑަރޝިޕާއި، މަޖިލިސް މެންބަރުން އަދި ދާއިރާތަކުގެ ސްޓިއަރިންގ ކޮމިޓީތަކުން ކުރެއްވި މަސައްކަތްޕުޅު ފާހަގަކުރައްވައި އެ ބޭފުޅުންނަށް މުޙައްމަދު މުޢިއްޒު ވަނީ ޝުކުރު އަދާކުރައްވާފައެވެ.













