މުޖުތަމަޢުގެ އެއްވެސް ފަރުދަކު ބާކީނުކޮށް، ޚާއްޞަކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ މައިދާނުން ފަހި ފުރުޞަތުތަކެއް ހޯދައިދިނުމަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ސިޔާސަތު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކާއި ކަންބޮޑުވުންތަކަށް ޖަވާބުދެއްވުމަށް ކުރިއަށްގެންދަވާ ”ރައްޔިތުންގެ އަޑު“ ޕްރޮގްރާމްގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން ހިއްސާކުރި ކަންބޮޑުވުންތަކާ ގުޅިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ޕްރޮގްރާމްގައި ވާހަކަދެއްކި އާންމު ފަރާތުން ވަނީ، ތަމްރީނާއި އިންޓަރންޝިޕް ފުރިހަމަކޮށް އިންޓަވިއުތަކުގައި ބައިވެރިވި ނަމަވެސް، ވަޒީފާގެ ދާއިމީ ފުރުޞަތު ލިބުމުގައި ބޮޑެތި ހުރަސްތަކެއް ހުރިކަން ފާހަގަކޮށްފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްވެސް އެދިފައިވެއެވެ.
މިކަމާ ގުޅިގެން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މިއީ ވަރަށް މުހިންމު މައްސަލައެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި އިރާދަކުރެއްވިއްޔާ މިކަމަށް އެދެވޭ ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ. އަދި ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މަސައްކަތްކުރެވޭނެ އެކަށޭނަ މާހައުލެއް ބިނާކޮށް، ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް އިރުޝާދު ދެއްވާފައިވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، އެންމެން ޝާމިލުވާ، އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަކީ ސަރުކާރުގެ މައިގަނޑު އެއް އަމާޒުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ މީހުން ބާރުވެރިކުރުވުމަށްޓަކައި ޤައުމީ ފެންވަރުގެ ބޮޑު މަޝްރޫޢެއް އަންނަ އަހަރު ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
ސަރުކާރުގެ މި އަމާޒަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީވެސް މުޖުތަމަޢުގައި ބާކީނުވެ، އަމިއްލަ ފައިމައްޗަށް ތެދުވެވިފައިވާ ބަޔަކަށް ހެދުމެވެ. އެހެންކަމުން، އަންނަ އަހަރު ފަށާ ޤައުމީ މަޝްރޫޢަކީ މިފަދަ ފަރާތްތަކުގެ ޙައްޤުތައް ފުރިހަމައަށް ކަށަވަރުކޮށްދީ، ހަމަހަމަ ފުރުޞަތުތަކެއްގެ ތެރެއިން އެމީހުން ޤައުމީ ޚިދުމަތުގައި ބައިވެރިކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ ޔަޤީންކަން ދެއްވާފައެވެ.













