އިންޓަޕޯލްއިން މި އޮކްޓޫބަރު މަހު ސަރަހައްދީ ފެންވަރުގައި ކުރިއަށްގެންދާ ”އޮޕަރޭޝަން ސްޓޯމް މޭކަރ 4“ ގެ ދަށުން، މާލެއާއި ހުޅުމާލޭގައި ހާއްސަ އިންސްޕެކްޝަނަކާއި ރެއިޑް އޮޕަރޭޝަނެއް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން އިއްޔެ ވަނީ ހިންގާފައެވެ.
މި އޮޕަރޭޝަނަކީ މީހުން ޓްރެފިކްކުރުން ހުއްޓުވުމަށާއި، އިންޓަޕޯލްގެ މެންބަރު ޤައުމުތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކޮށް ގުޅިގެން މަސައްކަތްކުރުމަށް ސަރަހައްދީ ފެންވަރުގައި ކުރިއަށްގެންދާ ހާއްސަ ހަރަކާތެކެވެ.
އިމިގްރޭޝަނާއި ފުލުހުން ގުޅިގެން އިއްޔެ ހިންގި މި އޮޕަރޭޝަންގައި މާލޭގެ ބާޒާރު ސަރަހައްދާއި ނޯތު ހާބަރުން 160 ބިދޭސީއަކު ބަލައި ފާސްކޮށްފައިވެއެވެ. އަދި އޭގެ ތެރެއިން 9 މީހަކަށް ނޯޓިސް ދީފައިވާއިރު، އެކަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މީގެއިތުރުން، ރޭ ހުޅުމާލޭގެ އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށް، 79 މީހުން ޗެކްކުރުމަށްފަހު، 6 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.













