ދިވެހި ޒުވާނުންނަކީ ވަޒީފާ ހޯދަން އުޅޭ ބައެއްގެ ބަދަލުގައި، އަމިއްލައަށް ވަޒީފާގެ ފުރުޞަތުތައް އުފައްދާ ބަޔަކަށް ހެދުމުގެ އަމާޒުގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (އެސްއެމްއީ) ޚާއްޞަ ސްޓާޓަޕް ފަންޑެއް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން، މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، މި ފަންޑަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ، އުފެއްދުންތެރި ޒުވާން ވިޔަފާރިވެރިންގެ އައު ޖީލެއް ބިނާކުރުމަށް އެޅޭ ނުހަނު ބޭނުންތެރި ފިޔަވަޅެއް ކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދުގެ މައިބަދައަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައްކަން ފާހަގަކުރައްވައި، ކޮންމެ ކުދި ވިޔަފާރިއެއްގެ ފަހަތުގައި ހުރީ ޤައުމުގެ މުސްތަޤުބަލު އުޖާލާކުރުމުގެ އަޒުމުގައި މަސައްކަތްކުރާ ދިވެހި ދަރިއެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ.
ކުދި ވިޔަފާރިތަކަށް ދިމާވާ މާލީ ގޮންޖެހުންތަކާއި ޓެކުހުގެ ބުރަ ލުއިކޮށްދިނުމުގެ ގޮތުން، ޖީއެސްޓީއަށް ރަޖިސްޓަރީ ކުރަންޖެހޭ އަހަރީ އާމްދަނީގެ ތްރެޝްހޯލްޑް 1 މިލިއަން ރުފިޔާއިން 1.5 މިލިއަން ރުފިޔާއަށް މަތިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. ވަޒީރު ހާމަކުރެއްވި ގޮތުގައި، މި ބަދަލަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ. މީގެ ސަބަބުން ކުދި ވިޔަފާރިތަކަށް ބޮޑެތި ލުއިތަކެއް ލިބި، އިޤްތިޞާދުގައި އެފަރާތްތަކުގެ ދައުރު އިތުރަށް ފުޅާވެގެންދާނެއެވެ.
މީގެއިތުރުން، މާލެ ފިޔަވައި އެހެން ސަރަޙައްދުތަކުގައި އިޤްތިޞާދީ ދިރުން އުފައްދައި، ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ”އައްޑޫ އެސްއެމްއީ ޓްރޭޑް ފެސިލިޓޭޝަން ޒޯން“ ޤާއިމުކުރުމުގެ މަޝްރޫޢު ވެސް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.
މި ޒޯނުގެ ދަށުން ވިޔަފާރިވެރިންނަށް ލިބޭނެ ޚާއްޞަ އިނާޔަތްތަކުގެ ތެރޭގައި:
- ސަރުކާރުގެ ބިމެއް ކުއްޔަށް ނަގައިގެން ވިޔަފާރިކުރާ ފަރާތްތަކަށް ބިމު ކުލި އެއްކޮށް މަޢާފުކޮށްދިނުން.
- ބީޕީޓީ ނުވަތަ އިންކަމް ޓެކްސް ދެއްކުމުން އިސްތިސްނާވުން.
- ބޭރުގެ މުވައްޒަފުންގެ ކޯޓާގެ އަހަރީ ފީއަށް ބޮޑެތި ލުއިތަކެއް ދިނުން.
- ވިޔަފާރީގެ ބޭނުމަށް އެތެރެކުރާ އެއްގަމު އަދި ކަނޑު އުޅަނދުފަހަރުގެ އަހަރީ ފީ މަޢާފުކޮށްދިނުން.
ސަރުކާރުގެ މި ސިޔާސަތުތަކުގެ ސަބަބުން، ޒުވާނުން ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ހިތްވަރު ލިބި، ޤައުމުގެ އިޤްތިޞާދު އިތުރަށް ހަލުވިވެ، އަތޮޅުތަކުގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުވެގެންދާނެ ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.














