ކުރިއަށް އޮތް 2027 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި 6.8 އިންސައްތައަށް ކުރިއަރައިގެންދާނެ ކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާއިން އަންދާޒާކުރައްވައިފިއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ބޭއްވި ޖަލްސާގައި، މާލީ ވަޒީރު ޙަސަން ޒަރީރު ބަޖެޓު ބަޔާން އިއްވަވަމުން ވިދާޅުވީ، ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކުވެސް ރާއްޖޭގެ އިޤްތިޞާދު އަލުން އާރާސްތުވަމުން އަންނަ ކަމަށެވެ.
ދުނިޔޭގެ އިޤްތިޞާދީ ދުވެލި އަންނަ އަހަރު ހުންނާނެ ކަމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ލަފާކުރަނީ 3.4 އިންސައްތައިގައެވެ. ރާއްޖޭގެ ހާލަތަށް ބަލާއިރު، 2025 ވަނަ އަހަރު 6.3 އިންސައްތައިގައި ހުރި އިޤްތިޞާދީ ދުވެލި، ދިމާވި އެކި ގޮންޖެހުންތަކާ ގުޅިގެން 2026 ވަނަ އަހަރު 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށަށް ދާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، 2027 ވަނަ އަހަރު މި ހާލަތު ބަދަލުވެގެންދާނެއެވެ. އެގޮތުން، ހަނގުރާމައިގެ ކުރީގެ ހާލަތަށް އިޤްތިޞާދު ރުޖޫޢަވެ، އަންނަ އަހަރު ރާއްޖޭގެ އިޤްތިޞާދު 3.9 އިންސައްތައާއި 6.8 އިންސައްތައާ ދެމެދުގެ ހަލުވި ދުވެއްޔެއްގައި ކުރިއަރާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. މީގެއިތުރުން، އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓް 1.0 އިންސައްތައިގައި ހިފެހެއްޓޭނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މާލީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، 2027 ވަނަ އަހަރަށާއި މެދުރާސްތާއަށް ފިސްކަލް ސިޔާސަތުތައް އެކުލަވާލުމުގައި ބަލާނީ ޤައުމުގެ އިޤްތިޞާދީ އަދި މާލީ ހަޤީޤީ ހާލަތަށް ފުންކޮށް ދިރާސާކުރުމަށް ފަހުގައެވެ.
މި ބަޖެޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިޤްތިޞާދީ ހަމަޖެހުމާއި، ދައުލަތުގެ ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އިސްކަންދީގެން އެކުލަވާލާފައިވާ ބަޖެޓެކެވެ. އަދި މި ބަޖެޓުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެ، ޤައުމީ ތަރައްޤީގެ ތަޞައްވުރު ހަޤީޤަތަކަށް ހެދުމަށް މަގުފަހިވާނެ ކަމަށާއި، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި އާންމު ޚިދުމަތްތައް ފުޅާވެ، ރައްޔިތުންނަށް އިޤްތިޞާދީ އައު ފުރުޞަތުތައް ތަނަވަސްވެގެންދާނެ ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.














