ގެދޮރު ބިނާކުރުމަށާއި ފްލެޓް ފަދަ ތަންތަން ގަތުމަށް ބޭންކުތަކުން ނަގާ ލޯނުތަކަށް ދައްކަންޖެހޭ ޑައުންޕޭމަންޓް ނުވަތަ އިކުއިޓީ ދެއްކުމުގައި އާންމުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، އެއް ބިލިއަން ރުފިޔާއާ ހަމައަށް ފައިސާ ހިމެނޭ ހާއްސަ ފަންޑެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
މިކަމާ ގުޅޭ ތަފުސީލު ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ”ނޭޝަން ޗެޓް“ ގައި ވިދާޅުވީ، ގެދޮރުވެރިކަމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ މި ޕްރޮގްރާމުގެ ދަށުން އާންމުންނަށް ސީދާ ހިލޭ އެހީގެ ގޮތުގައި ފައިސާ ލިބިގެންދާނެ ކަމަށެވެ. އެގޮތުން މިހާރުވެސް މި ފަންޑަށް ވަކިވަރަކަށް ފައިސާ ޖަމާކުރެވިފައިވާ ކަމަށާއި، ކުރިއަށް އޮތް އަހަރުގެ ދައުލަތުގެ ބަޖެޓުން އިތުރު 750 މިލިއަން ރުފިޔާ ހަމަޖެހިގެން ދިއުމާއެކު މި ފަންޑުގެ ޖުމްލަ ތަނަވަސްކަން އެއް ބިލިއަން ރުފިޔާއަށް އަރައިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ އަމިއްލަ ފުރާޅެއްގެ ހިޔާވަހިކަން ނެތް އެންމެހައި ރައްޔިތުންނަށް އެ މަގު ފަހިކޮށްދިނުމެވެ. އަދި ބޭންކުތަކާ ވާހަކަދައްކައިގެން މިހާރުވެސް ގެދޮރުވެރިކަމުގެ ލޯނުތަކުގެ އިކުއިޓީ ރޭޓު ވަރަށް ބޮޑަށް ދަށްކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ސަރުކާރުން ބޯހިޔާވަހިކަމުގެ ދާއިރާއަށް ގެންނަމުންދާ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ވޭތުވެދިޔަ ވެރިކަންތަކުގައި މި ދާއިރާއިން ފެނުނު ދުވެއްޔަށްވުރެ މި ސަރުކާރުގެ ދުވެލި މާ ހަލުވި ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެކަނިވެސް، ކުރީ ސަރުކާރުތަކުގެ ފަސް އަހަރުގެ ދައުރެއްގައި ކޮށްދެވުނު މިންވަރަށްވުރެ އެތައް ގުނައެއް އިތުރަށް ބޯހިޔާވަހިކަމުގެ ފުރުސަތުތައް ފަހިކޮށްދެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، އެތައް ހާސް ހައުސިންގ ޔުނިޓުތަކެއްގެ އަމަލީ މަސައްކަތް ނިންމައި ރައްޔިތުންނާ ހަވާލުކުރުމުގެ އިތުރުން، އަމިއްލަ ބަންޑާރަ ގޯތިތަކުގައި އިމާރާތް ނުކުރެވި ތިބި ފަރާތްތަކަށް ބޭނުންވާ ލުއި ލޯނުގެ އިންތިޒާމުތައް ވެސް ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، މި ދައުރު ނިމޭއިރު ރައްޔިތުން އެދޭފަދަ ހަގީގީ ހައްލެއް މި މައްސަލައަށް ހޯއްދަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.














