ރާއްޖޭގެ ސިއްޙީ ނިޒާމު ހިންގުން ހަރުދަނާކޮށް، ޚިދުމަތުގެ ފެންވަރު މަތިކުރުމާއެކު ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި ”މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް“ އުވާލައި ”މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް“ ގެ ނަމުގައި އައު އިދާރާއެއް އުފައްދަވަން ނިންމަވާފައިވާކަން ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ ”ނޭޝަން ޗެޓް“ ޕޮޑްކާސްޓްގެ ހަވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި ބަދަލާއެކު ސިއްޙީ ދާއިރާގައި ހުރި ތަކުރާރުވުންތައް ނައްތާލެވި، ސިއްޙީ ޚިދުމަތް ދިނުން އަވަސްވެގެންދާނެ ކަމަށެވެ. އަދި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތައް އެމީހަކު ދިރިއުޅޭ ރަށަކުން ނުވަތަ އަތޮޅަކުން ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށްވެސް ފާހަގަކުރެއްވިއެވެ.
އަލަށް އުފައްދާ ގްރޫޕުގެ ދަށުން ސަރުކާރުގެ ހުރިހާ ޓަރޝަރީ ހޮސްޕިޓަލްތަކާއި، ޓަރޝަރީ ފެންވަރަށް ތަރައްޤީކުރަމުން އަންނަ ހޮސްޕިޓަލްތައް އެއް ވިއުގައަކުން ގުޅާލެވޭނެއެވެ. މީގެ މައިގަނޑު ބޭނުމަކީ ހޮސްޕިޓަލްތަކުގެ މެދުގައި ވަސީލަތްތައް ހިއްސާކުރުމާއި، އެއް ތަނުން އަނެއް ތަނަށް ޑޮކްޓަރުންގެ ފަންނީ ޚިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
ކުރިއަށް އޮތް ނޮވެމްބަރު މަހުން ފެށިގެން ތިން މަސް ނުވަތަ އެންމެ ގިނަވެގެން ހަތަރު މަސްދުވަހުގެ ތެރޭގައި އައު ނިޒާމުގެ ދަށުން ހޮސްޕިޓަލްތައް ގުޅާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއީ އިތުރު މުވައްޒަފުން ނަގާނެ މަޝްރޫޢެއް ނޫންކަން ފާހަގަކުރައްވަމުން، ސަރުކާރުގެ ޚަރަދުގައި ތަޢުލީމު ހާސިލުކުރާ ޑޮކްޓަރުންގެ ޚިދުމަތް އެންމެ ފުރިހަމައަށް ހޯދުމާއި، ޚާއްޞަ ދާއިރާތަކުން ބޭރުގެ ފަންނީ ޑޮކްޓަރުން ރާއްޖޭގައި ތިއްބަވައިގެން ޚިދުމަތް ދެއްވާނެ އުސޫލުތައް ޤާއިމުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.













