ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ހުންނަ ދިފާޢީ ވުޒާރާގެ އިމާރާތާއި، ޤައުމުގެ އެންމެ ބޮޑު ތެޔޮ ސާފުކުރާ ކާރުޚާނާ ހިމެނޭގޮތަށް މުހިންމު 5 ސަރަޙައްދަކަށް އަމާޒުކޮށް ބެލިސްޓިކް މިސައިލާއި ޑްރޯން ޙަމަލާތަކެއް ދީފައިވާކަމަށް ޔަމަނުގެ ޙޫޘީ ޖަމާޢަތުން ދަޢުވާކޮށްފިއެވެ.
ޙޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ބުނިގޮތުގައި، ސަޢޫދީގެ ދިފާޢީ ވުޒާރާގެ މައި އިމާރާތަށާއި، އިރުމަތީ ޕްރޮވިންސްގައިވާ ރާސް ތަނޫރާ ތެޔޮ ސާފުކުރާ ކާރުޚާނާއަށް ބެލިސްޓިކް މިސައިލުން ވަނީ ޙަމަލާދީފައެވެ. މީގެ އިތުރުން އަބްހާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޑްރޯން ޙަމަލާއެއް ދީފައިވާއިރު، ނަޖްރާން އެއަރޕޯޓަށާއި ޚަމީސް މުޝައިތުގައިވާ ކިންގް ޚާލިދު އެއަރބޭސްގައި ހުރި އަސްކަރީ މަތިންދާބޯޓުތަކަށް އަމާޒުކޮށްވެސް ބެލިސްޓިކް މިސައިލް ވަނީ ފޮނުވާލާފައެވެ.
އަސްކަރީ ޙަމަލާތަކުގެ އިތުރުން، ރަތްކަނޑުގެ މަގުތައް ގުޅޭ ބާބު އަލް-މަންދަބް ކަނޑުއޮޅި ކައިރިން ސަޢޫދީއަށް ތާޢީދުކުރާ ބާރުތަކުން ކުރިއަރަން އުޅުނު އުޅުން ނާކާމިޔާބުކޮށްލާފައިވާކަމަށްވެސް ޙޫޘީން ވަނީ ދަޢުވާކޮށްފައެވެ.
ޙޫޘީންގެ މި ދަޢުވާތަކާ ގުޅިގެން ސަޢޫދީ ސިވިލް ޑިފެންސުން ވަނީ ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ދެ ބެލިސްޓިކް މިސައިލެއް ވައްޓާލާފައިވާކަން ކަށަވަރުކޮށްދީފައެވެ. މިސައިލްގެ ބައިތައް ވެއްޓުމުގެ ސަބަބުން ބައެއް ޢިމާރާތްތަކަށާއި އުޅަނދުތަކަށް ގެއްލުންވެފައިވާކަމަށް ސަޢޫދީން ވަނީ ރިޕޯޓުކޮށްފައެވެ. މީގެ އިތުރުން ސަޢޫދީ އިސްވެއޮންނަ ކޯލިޝަނުން ވަނީ ޙޫޘީން ފޮނުވާލި އިތުރު 7 ވައިގެ ޙަމަލާއެއް ނާކާމިޔާބުކޮށްލާފައިވާކަމަށް ބުނެފައެވެ.














