މިދުވަސްވަރު ރާއްޖޭގެ ގިނަ އަތޮޅުތަކަށް ދުންފުހުގެ (Haze) ބޮޑު އަސަރެއް ކުރަމުންދާތީ، ވައިގެ ސާފުކަން ނުރައްކާތެރި މިންވަރަކަށް ދަށަށް ގޮސްފިއެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ޞިއްޙަތަށް ނުރައްކާވެދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިންޒާރު ދެއްވައި، ޚާއްޞަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރައްވާފައެވެ.
އެޗްޕީއޭއިން ވިދާޅުވާ ގޮތުގައި، ވައިގެ ސާފު މިންވަރު ދަށަށް ދިއުމަކީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ނުރައްކާތެރި ކަމެކެވެ. ޚާއްޞަކޮށް ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބައްޔާއި އެލާޖީގެ މައްސަލަތައް ހުންނަ ފަރާތްތަކަށް މިކަމުގެ ސަބަބުން ނޭދެވޭ އަސަރުތައް ކުރާ މިންވަރު އިތުރުވާނެ ކަމަށް އެޗްޕީއޭއިން ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން، މިފަދަ ހާލަތްތަކުގައި ގެއިން ބޭރުގައި ގިނަ ވަގުތު ނޫޅުމަށާއި، ބޭރަށް ނުކުންނަން ޖެހިއްޖެނަމަ މާސްކު ބޭނުންކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
ރާއްޖޭގެ ވައިގެ ސާފުކަން މިހާރު ހުރި ގޮތް ބެލުމަށްޓަކައި، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ފަރާތުން iqair.com/maldives ނުވަތަ IQAir Visual އެޕް ބޭނުންކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އައިކިއުއެއާގެ ތަފާސްހިސާބުން މިއަދު ދައްކާ ގޮތުގައި، ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރު ވައި ނުސާފުވެފައިވަނީ ނުރައްކާތެރި މިންވަރަކަށެވެ.
އައިކިއުއެއާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވައި އެންމެ ބޮޑަށް ނުސާފުވެފައިވަނީ ރާއްޖޭގެ އުތުރަށެވެ. އެ ސަރަހައްދުގައި އެއާ ކޮލިޓީ އިންޑެކްސް (އޭކިއުއައި) ހުރީ 158 އާއި 165އާ ދޭތެރޭ، ”ރަތް އެލާޓެއް“ ގެ ގޮތުގައެވެ. މިއީ އާންމުކޮށް ހުރިހާ އެންމެންގެ ހިތަށާއި ފުއްޕާމެއަށް ނޭދެވޭ އަސަރުކުރުމާއި، ބަލި ޖެހިފައިވާ މީހުންގެ ހާލަތު ގޯސްވުމުގެ ފުރުސަތު ބޮޑުވާނެ ހާލަތެކެވެ.
މީގެ އިތުރުން، މެދުރާއްޖެ ތެރޭގެ ސަރަހައްދުގައި ވެސް ވައި ނުސާފު ކަމަށް އައިކިއުއެއާގެ ތަފާސްހިސާބުން ދައްކައެވެ. އެ ސަރަހައްދުގެ އޭކިއުއައި ހުރީ 126 ގައި ކަމުން، މިއީ ”ނާޒުކު ފަރާތްތަކުގެ ސިއްޙަތަށް ނުރަނގަޅު“ މިންވަރެކެވެ. މިއީ ވެސް، ޚާއްސަކޮށް ނާޒުކު ހާލަތުގައިވާ މީހުންނަށް ނޭވާލާ ނިޒާމުގެ މައްސަލަތައް ދިމާވުމުގެ ނުރައްކާ އޮންނަ ހާލަތެކެވެ. ދ. އަތޮޅުގައި ވެސް ވައި ނުސާފުވެފައިވާ ކަމަށް އައިކިއުއެއާއިން ދައްކާއިރު، އެ ސަރަހައްދުގައި އޭކިއުއައި ހުރީ 60ގައެވެ. ނަމަވެސް، އެ ވެބްސައިޓުން ދައްކާ ގޮތުން ދެކުނުގެ ވައިގެ ސާފުމިން ހުރީ ރަނގަޅު މިންވަރެއްގައެވެ.
މިދުވަސްވަރު ރާއްޖެގެ އަތޮޅުތަކަށް ދުންފުހުގެ (Haze) އަސަރު ކުރަމުންދާތީ، މިކަމާ ގުޅިގެން ޞިއްޙީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާ!
ވައި ސާފު މިންވަރު ބެލުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓްގެ ލިންކް އިން… pic.twitter.com/KOlbMJzrEe
— Health Protection Agency (@HPA_MV) October 27, 2026
އެޗްޕީއޭއިން ވިދާޅުވާ ގޮތުގައި، ވައި ސާފުކަމުގެ މިންވަރު ހުރުން ރަނގަޅީ 0-50 އާއި ދެމެދުގައެވެ. އެ ގިންތީގައި ހުންނަ ނަމަ، ވައިގެ ތެރޭގައި އެއްވެސް ނުރައްކަލެއް ނެތް ކަމަށް ބެލެވެއެވެ. މިހާރުގެ ހާލަތުގައި، ރައްޔިތުންގެ ޞިއްޙަތު ރައްކާތެރިކުރުމަށްޓަކައި ސަމާލުކަން ދިނުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.













