ގދ. މަޑަވެލި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އެމްޓީސީސީން މިއަދު ދިން މައުލޫމާތުގައި ވިދާޅުވީ، މަޑަވެލީގައި މިހާރު ކުރިއަށްދާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ އެގޮގުން މިހާތަނަށް 136،980 ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއް މަސައްކަތް ވަނީ ނިމިފައިއެވެ.
މި މަޝްރޫޢަކީ ގދ. މަޑަވެލީގެ ދެހާހަށް ވުރެ ގިނަ މީހުންގެ އާބާދީއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ފަށާފައިވާ މުހިންމު މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން ޖުމްލަ 19.17 ހެކްޓަރު ސަރަހައްދެއްގެ ބިން ހިއްކުމާއި، 1،645 މީޓަރުގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް އަދި 120 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މި މަސައްކަތަކީ 174.58 މިލިއަން ރުފިޔާއަށް 400 ދުވަސް ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢު ނިމުމާއެކު، މަޑަވެލީގެ ދިގު މުއްދަތުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ލިބި، ރަށުގެ އިތުރު ތަރައްޤީއަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.














