Tuesday, 3 November 2026

Ads by

ނަސްރުގެ ދުވަސް: މާޒީން ލިބުނު އިބުރަތްތަކާއި ދިވެހިންގެ ގުރުބާނީގެ ރަމްޒެއް

ރާއްޖޭގައި ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ނަސްރުގެ ދުވަސް ފާހަގަކުރަން ފެށީ، 1988 ވަނަ އަހަރު ސްރީލަންކާގެ ހަތިޔާރުއެޅި ކުލީ ސިފައިންނާއި ދިވެހިންގެ މަދު ބަޔަކު ގުޅިގެން މާލެއަށް ދިން އުދުވާނީ ހަމަލާއިން ދިވެހި ގައުމު ސަލާމަތްވި ތާރީހީ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުންނެވެ.

މި ނުރައްކާތެރި އުދުވާނީ ހަމަލާއަކީ ރާއްޖޭގެ ތާރީހުގައި ހިނގައިދިޔަ އެންމެ ބިރުވެރި އެއް ހާދިސާއެވެ. ސްރީލަންކާގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ތަމިލް އީލާމް (ޕްލޮޓް) ގެ ހަނގުރާމަވެރިންނާ ގުޅިގެން ދިވެހިންގެ މަދު ބަޔަކު މި ހަމަލާ ރާވައި ހިންގީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ވައްޓާލައި ގައުމުގެ ބާރުތައް އަތުލުމުގެ ނިޔަތުގައެވެ. މި ހަމަލާ ދީފައިވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.

ހަތިޔާރު އެޅި ހަނގުރާމަވެރިން ފަތިހުގެ ވަގުތުގައި ކަނޑުމަގުން މާލެއަށް އަރައި، ދައުލަތުގެ މުހިންމު މުއައްސަސާތަކާއި މުވާސަލާތީ ހިދުމަތްތައް ދޭ ތަންތަން ހިފުމަށް މަސައްކަތް ކުރިއެވެ. އެގޮތުން، ރޭޑިއޯއާއި ޓެލެވިޒަން ސްޓޭޝަންތައް ފަދަ މުހިންމު ތަންތަން ހަނގުރާމަވެރިން ވަރަށް އަވަހަށް އެމީހުންގެ ބާރުގެ ދަށަށް ގެންދިޔައެވެ. ދުޝްމަނުންގެ އެންމެ ބޮޑު އަމާޒަކަށް ވެފައި އޮތީ ދިވެހި ސިފައިންގެ މައި މަރުކަޒު ހިފައި، ސިފައިންގެ ހަތިޔާރު ގުދަން އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނައުމެވެ. ނަމަވެސް، އެ މީހުންނަށް ސިފައިންގެ މައި މަރުކަޒަށް ވަދެވޭ ގޮތެއް ނުވިއެވެ.

މާލޭގެ މަގުތަކުގައި ބަޑީގެ އަޑުފަށްގަނޑު ގުގުމައިގެން ދިޔައިރު، އާންމު ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ހަނގުރާމަވެރިން ވަނީ ރައީސް މައުމޫން ހޯދައި، އެމަނިކުފާނު ހައްޔަރުކުރުމަށްވެސް ވަރަށް ބޮޑަށް މަސައްކަތްކޮށްފައެވެ. ނަމަވެސް، ރައްކާތެރި ތަންތަނަށް ބަދަލުވެވަޑައިގެން، ސިފައިންގެ އިސްވެރިންނާ ގުޅިގެން ރައީސް މައުމޫން ވަނީ ބޭރުގެ އެހީތެރިކަން ހޯއްދެވުމުގެ މަސައްކަތް ކުރައްވައިފައެވެ. މިއީ މުޅި ދައުލަތުގެ ވެރިކަމުގެ ނިޒާމު ހިމާޔަތްކުރުމަށް އެޅުނު ވަރަށް ހަރުދަނާ ފިޔަވަޅެކެވެ.

ސިފައިންގެގޭގެ މައި ގޭޓު މަތީގައި ފާރަޔަށް ހުރި ޝަހީދު ކޯޕްރަލް ހުސައިން އާދަމް ދެއްކެވި އާދަޔާ ހިލާފު ހިތްވަރުގެ ސަބަބުން ދުޝްމަނުންނަށް ސިފައިންގެ މައި މަރުކަޒު ހިފުމަށް ވަރަށް ބޮޑަށް ހުރަސް އެޅުނެވެ. ޝަހީދު ހުސައިން އާދަމް ވަނީ އޭނާގެ އަތުގައި ހުރި ވަޒަންތައް ހުސްވަންދެން ދުޝްމަނުންނާ ހަނގުރާމަކުރައްވައިފައެވެ. އެ މޭސްތިރި ހިތްވަރުގެ ސަބަބުން އެތެރޭގައި ތިބި އެހެން ސިފައިންނަށް ހަތިޔާރު ނެރެ، ދުޝްމަނުންނާ ކުރިމަތިލުމަށް އެކަށީގެންވާ ވަގުތު ލިބުނެވެ. މި ވަރުގަދަ ކުރިމަތިލުމުގައި ޝަހީދު ހުސައިން އާދަމް ވަނީ ގައުމަށްޓަކައި އެނާގެ ފުރާނަ ގުރުބާން ކުރައްވައިފައެވެ.

މި ބިރުވެރި، އަދި ހިތާމަވެރި ހާދިސާގައި ޖުމުލަ 19 ދިވެއްސަކު ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެހި ސިފައިންގެ 8 ބޭކަލުންނާއި އާންމު ރައްޔިތުންގެ 11 މީހުންނެވެ. ހަނގުރާމަވެރިން ވަނީ މަގުމަތިން ފެނުނު ބައެއް އާންމު ރައްޔިތުންނަށްވެސް ބިރުދައްކައި، ރަހުމްކުޑަ ގޮތަކަށް ހަމަލާދީފައެވެ. މިއީރާއްޖޭގެ ފަހުގެ ތާރީހެއްގައި ދިވެހިންގެ މިހާ ގިނަ ބަޔެއްގެ ފުރާނަ ގެއްލިގެން ދިޔަ ހަމައެކަނި ހާދިސާއެވެ.

މި ހަމަލާގައި ރާއްޖެއަށް ނަސްރު ލިބުނީ ދިވެހި ސިފައިން ދެއްކެވި ހިތްވަރާއި، ދިވެހި ސަރުކާރުން ބޭރުގެ ގައުމުތަކުގެ އެހީތެރިކަމަށް އެދިވަޑައިގަތުމުން އިންޑިއާ ސަރުކާރުން ފޯރުކޮށްދިން އަވަސް އަސްކަރީ އެހީތެރިކަމުގެ ސަބަބުންނެވެ. އިންޑިއާގެ އަސްކަރިއްޔާއިން ”އޮޕަރޭޝަން ކެކްޓަސް“ގެ ނަމުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އިންޑިއާގެ ސިފައިން މާލެ އައިސް، ދުޝްމަނުންގެ ބާރު ކަނޑުވާލިއެވެ. އިންޑިއާގެ ސިފައިން މާލެ ފޭބުމާއެކު ދުޝްމަނުންގެ ސަފުތައް ރޫޅި، އެމީހުންގެ ހިތްތަކަށް ބިރުވެރިކަން ވަނެވެ. މިއާއެކު ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން ވަނީ މާލެތެރެ ސަލާމަތް ކޮށްފައެވެ.

ދުޝްމަނުންނަށް އެމީހުންގެ މަގުސަދު ހާސިލުނުވުމުން، މާލެއިން ފައިބައިގެން ދިޔައީ ”ޕްރޮގްރެސް ލައިޓް“ ނަމަކަށް ކިޔާ ބޯޓެއް ހައިޖެކް ކޮށްގެންނެވެ. އެމީހުން ފިލަން މަސައްކަތްކުރީ ދިވެހިންގެ ތެރެއިން ބަޔަކު ރަހީނުންގެ ގޮތުގައި ގޮވައިގެންނެވެ. ނަމަވެސް އިންޑިއާގެ ކަނޑުގެ ސިފައިން ވަނީ ކަނޑުމަތިން އެ ބޯޓު ހުއްޓުވައި، ދުޝްމަނުން ހައްޔަރުކޮށް، ގިނަ ރަހީނުން ސަލާމަތްކޮށްފައެވެ. މި ކާމިޔާބީއަށްފަހު، ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހަކީ ރާއްޖޭގެ ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ދިވެހި ސަރުކާރުން ނިންމެވިއެވެ.

ނަސްރުގެ ދުވަހަކީ ދިވެހިންނަށް ވަރަށް މުހިންމު އަދި އަގުހުރި ފިލާވަޅުތަކެއް ދަސްކޮށްދިން ދުވަހެކެވެ. އެންމެ ފުރަތަމަ ފިލާވަޅަކީ ގައުމުގެ އެތެރޭގައި ތިބޭ ގައްދާރުންގެ ފަރާތުން އަތުވެދާނެ ނުރައްކަލުގެ ބޮޑުކަމެވެ. ބޭރުގެ ދުޝްމަނުންނަށް ދިވެހި ފަސްގަނޑަށް އަރައި އުދުވާނީ ހަމަލާއެއް ދެވުނީ ދިވެހިންގެ ތެރެއިން ބަޔަކު އެ މީހުންނާ ގުޅި، ގައުމަށް ގައްދާރުވުމުގެ ސަބަބުންކަން މި ހާދިސާއިން ވަރަށް ސާފުކޮށް އެނގެއެވެ. އެހެންކަމުން، ގައުމީ ސަލާމަތަށްޓަކައި އެންމެ މުހިންމު ކަމަކީ ރައްޔިތުންގެ މެދުގައި ގައުމީ ލޯތްބާއި އެއްބައިވަންތަކަން އާލާކުރުންކަން މި ދުވަސް ހަނދާންކޮށްދެއެވެ.

ދެވަނަ ފިލާވަޅަކީ ގައުމުގެ ދިފާއީ ބާރުތައް އަބަދުވެސް ހޭލާ ތިބުމާއި، އަސްކަރީ ގޮތުން ގައުމު ތައްޔާރީ ހާލަތެއްގައި އޮތުމުގެ މުހިންމުކަމެވެ. 1988 ވަނަ އަހަރު ރާއްޖޭގައި ވަރުގަދަ އަސްކަރިއްޔާއެއް ނެތް ނަމަވެސް، މަދު ސިފައިންކޮޅެއް ދެއްކެވި ހިތްވަރުން މުޅި ގައުމު ސަލާމަތްވިއެވެ. މިކަމުން ދައްކައިދެނީ ގައުމެއްގެ މިނިވަންކަން ދިފާއުކުރުމުގައި ހަތިޔާރާއި ވަސީލަތްތަކަށް ވުރެ ބޮޑަށް، ސިފައިންގެ ހިތްތަކުގައިވާ ގައުމީ ރޫހާއި ސާބިތުކަން މުހިންމުވާ ކަމެވެ. ދިފާއީ ބާރުތަކުގެ ގާބިލުކަން އިތުރުކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަން މި ހާދިސާއިން ދަސްކޮށްދިނެވެ.

ތިންވަނަ ފިލާވަޅަކީ ބައިނަލްއަގުވާމީ މުޖުތަމައުއާއި އަވަށްޓެރި ގައުމުތަކާއެކު އޮންނަ ގުޅުމުގެ މުހިންމުކަމެވެ. ނޮވެމްބަރު 3 ގެ އުދުވާނުގައި އިންޑިއާއިން ފޯރުކޮށްދިން އަވަސް އެހީތެރިކަމަކީ ހަރުދަނާ ހާރިޖީ ގުޅުންތަކުގެ ބޭނުންތެރިކަން ވަރަށް ރަނގަޅަށް ދައްކުވައިދިން ކަމެކެވެ. އަދި ހަމައެހެންމެ، ކޮންމެ ހާލަތެއްގައިވެސް މާތްﷲ އަށް ވަކީލުކޮށް، ދީނީ ގޮތުން ސާބިތުވެ ތިބުމަކީ ދިވެހިންނަށް ނަސްރު ލިބުމުގެ އެންމެ މައިގަނޑު ސިއްރު ކަމުގައި ދިވެހިން އަބަދުވެސް ގަބޫލުކުރެއެވެ.

ނަސްރުގެ ދުވަސް ގައުމީ ފެންވަރެއްގައި ކުލަގަދަކޮށް ފާހަގަކުރުމަކީ މިހާރުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ވަނީ ނަސްރުގެ ދުވަހުގެ ހައިބަތާއި ކަރާމާތް އަލުން އިއާދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނުގެ ސަރުކާރުން ވަނީ މީގެ ކުރީގެ އަހަރުތަކާ ހިލާފަށް، ނަސްރުގެ ދުވަސް ގައުމީ ފެންވަރެއްގައި ފުޅާ ދާއިރާއެއްގައި ފާހަގަކުރަން ފައްޓަވައިފައެވެ. މިގޮތުން، މި ދުވަހުގެ މުހިންމުކަން އާންމު ރައްޔިތުންނަށް އިހުސާސްކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރައްވަމުންނެވެ.

ރައީސް މުއިއްޒު ވަނީ ނަސްރުގެ ދުވަހާ ގުޅުވައިގެން ސިފައިންގެ ހާއްސަ މައުރަޒެއް މިދިޔަ އަހަރު މައުރަޒެއް ހުޅުވައިދެއްވައި، ޒުވާން ޖީލުތަކަށް އުނގަންނައިދިނުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ. ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށްގެންދިޔަ މި މައުރަޒުގައި ނޮވެމްބަރު 3 ގެ ހަމަލާގައި ބޭނުންކުރި ބައެއް އަސްލު ހަތިޔާރުތަކާއި ތާރީހީ ތަކެތި އާންމުންނަށް ފެންނާނެހެން ބަހައްޓާފައި ހުއްޓެވެ. އަދި އެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުތަކާއި ފަތިސް ނަމާދު ޖަމާއަތުގައި ކުރުން ފަދަ ހަރަކާތްތަކުގައި އެމަނިކުފާނު ވަނީ އަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ. މި އަހަރުވެސް އެ މަނިކުފާނު އަމަލުކުރެއްވީ އެ ބީދައިންނެވެ.

ނަސްރުގެ ދުވަހު، ރައީސް އެންމެ އިސްކަމެއް ދެއްވި އެއްކަމަކީ، ގައުމީ ހިދުމަތުގެ ހާއްސަ ޕްރޮގްރާމެއް ތައާރަފުކުރުމެވެ. އެ ޕްރޮގްރާމްގެ ދަށުން މިހާރުވެސް އެތައް ސަތޭކަ ކުދިން ތަމްރީނުވެއްޖެއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން މި އަހަރުވެސް ނަސްރުގެ ދުވަސް ފާހަގަކުރަން ރާވާފައިވަނީ ވަރަށް ކުލަގަދަކޮށެވެ. މިއީ ފާއިތުވި ސަރުކާރުތަކުގައި އިހުމާލުވެފައިވާ ނަސްރުގެ ދުވަސް ފަދަ މުހިންމު ދުވަހެއް ފާހަގަކޮށް ދިރުން ގެނެސްދިނުމަށް އެހާ ބޮޑަށް އަހަންމިއްޔަތުކަން ދެއްވި ފުރަތަމަ ރައީސެވެ.

މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް