އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދާއިރާއިން ކުރިއެރުން ހޯދުމަށް ކުރާ ހޭދަތައް ބޮޑުކުރުމުގެ ގޮތުން، މައިކްރޯސޮފްޓް ކުންފުނީގެ އާބާދީގެ 27 އިންސައްތަ ނުވަތަ 60،000 އެއްހާ މުވައްޒަފުން އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ޕެކޭޖެއް ހުށަހަޅަން އެ ކުންފުނިން ނިންމައިފިއެވެ. މިއީ މައިކްރޯސޮފްޓުން ޚަރަދުތައް ކުޑަކޮށް، އޭއައި ވަސީލަތްތައް ތަރައްޤީކުރުމަށް އިސްކަންދިނުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ.
މައިކްރޯސޮފްޓުން ބުނި ގޮތުގައި ވަޒީފާއިން ވަކިވުމުގެ މި ހުށަހެޅުން އާންމުކޮށްފައިވަނީ އެމެރިކާ، ކެނެޑާ، އިންޑިއާ އަދި އިނގިރޭސިވިލާތުގައި މަސައްކަތްކުރާ ވައިސް ޕްރެޒިޑެންޓް ފެންވަރާއި އޭގެ ދަށުގެ ވަކި ޓީމުތަކަށެވެ. ނަމަވެސް ޑޭޓާ ސެންޓަރުތަކާއި، ސޭލްސް އަދި މާކެޓިންގ ދާއިރާތަކުގައި ހަރަކާތްތެރިވާ މުވައްޒަފުން މި ޕެކޭޖުން އިސްތިސްނާވާނެއެވެ.
އެ ކުންފުނީގެ އެކްޒެކެޓިވް ވައިސް ޕްރެޒިޑެންޓް އަދި ޗީފް ޕީޕަލް އޮފިސަރު އެމީ ކޯލްމަން މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ބުނެފައިވަނީ، މިއީ ކުންފުންޏަށް އަންނަ ބަދަލުތަކާއެކު މުވައްޒަފުންގެ ކުރިމަގު ބައްޓަންކުރުމަށް އިތުރު ފުރުޞަތުތަކެއް ފަހިކޮށްދިނުމަށް ނިންމި ނިންމުމެއް ކަމަށެވެ.
މިއީ މިއަހަރުގެ ތެރޭގައި މައިކްރޯސޮފްޓުން ވަޒީފާއިން ވަކިވުމުގެ ޕެކޭޖެއް ހުށަހެޅި ދެވަނަ ފަހަރެވެ. އެގޮތުން ފާއިތުވި އޭޕްރީލް މަހު އެމެރިކާގެ މުވައްޒަފުންގެ ހަތް އިންސައްތައަށް އަވަހަށް ރިޓަޔަރވުމުގެ ފުރުޞަތު ދިނުމުން، އޭގެ ތެރެއިން 30 އިންސައްތަ މުވައްޒަފުން ވަނީ އެ ފުރުޞަތުގެ ބޭނުން ހިފާފައެވެ. ކުންފުނީގެ ހިސާބުތަކުން ދައްކާ ގޮތުގައި 2025 ގެ ނިޔަލަށް 228،000 މުވައްޒަފުން ތިބި ނަމަވެސް، މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ އަދަދު ވަނީ 223،000 އަށް ދަށްވެފައެވެ.
ފަހަކަށް އައިސް މައިކްރޯސޮފްޓްގެ އިތުރުން ގޫގުލް، މެޓާ އަދި އެމެޒޯން ފަދަ ޓެކްނޮލޮޖީ ދާއިރާގެ ބޮޑެތި ކުންފުނިތަކުންވެސް ދަނީ އޭއައި ރޭހުގައި ކުރިއެރުން ހޯދުމަށްޓަކައި ޚަރަދުތައް ކުޑަކޮށް، އޮގަނައިޒޭޝަނަލް އޮނިގަނޑަށް ބަދަލުތައް ގެންނަމުންނެވެ. އަދި އޭއައި ވަސީލަތްތަކާއި އިންފްރާސްޓްރަކްޗަރއަށް ކުރާ ހޭދަ ބޮޑުކުރުމަށްޓަކައި ފާއިތުވި ދެ އަހަރު ތެރޭގައި އެތައް ހާސް މުވައްޒަފުންނެއް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.










