މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ރާއްޖޭގެ އުތުރުގެ އަދި މެދުރާއްޖެތެރޭގެ ސަރަޙައްދުތަކަށް ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސްވާނެކަމަށް ލަފާކޮށްފިއެވެ.
މެޓް އޮފީހުން މަޢުލޫމާތުދެމުން ވިދާޅުވީ، ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ތޫފާނުގެ ސީދާ ނުފޫޒެއް ރާއްޖެއަށް ނުފޯރި ނަމަވެސް، އެ ތޫފާނާ ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. މިދިޔަ ބުދަ ދުވަހުން ފެށިގެން މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު، މެޓް އޮފީހުން ވަނީ މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށް، އެކި ސަރަޙައްދުތަކަށް މޫސުމީ ސަމާލުތައް ވެސް ނެރެފައެވެ.
ކުރިއަށް އޮތް ވަގުތުތަކުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގުދެކުނާއި ހުޅަނގުންނެވެ. އެގޮތުން އުތުރުގެ އަދި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުނެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ވަނީ ހާމަކޮށްފައެވެ
މޫސުން ގޯސްވާނެ ކަމަށް ލަފާކުރާތީ، ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުންނާއި،
ހުރިހާ ރައްޔިތުންވެސް މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓުން އިލްތިމާސްކުރެއެވެ.













