މުޅި މެދުއިރުމަތީގައި ހަނގުރާމައިގެ ނުރައްކާ ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ’މައްކާ ދިފާޢީ އިއްތިހާދު‘ (މައްކާ އެއްބަސްވުން) ތަމްސީލުކުރާ މަތީ ފެންވަރުގެ އަސްކަރީ އަދި ސަލާމަތީ މަސްޢޫލުވެރި ފަރާތްތައް ހިމެނޭ ވަފުދެއް އިމަޖެންސީ މަޝްވަރާތަކަށް އީރާނުގެ ވެރިރަށް ތެހެރާނަށް ގޮސްފިއެވެ.
ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ޑެލިގޭޝަން އިސްވެ ބަލަހައްޓަނީ ސަޢޫދީގެ ދިފާޢީ ވަޒީރު ޕްރިންސް ޚާލިދު ބިން ސަލްމާންއެވެ. މީގެ އިތުރުން ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ ފީލްޑް މާޝަލް ޢާޞިމް މުނީރުއާއި، ތުރުކީގެ ޤައުމީ އިދާރާ (އެމްއައިޓީ) ގެ ވެރިޔާ އިބްރާހީމް ކާލިން މި ޑެލިގޭޝަނުގައި ބައިވެރިވާނެއެވެ.
މައްކާ އިއްތިހާދުގެ މި އިސް ޑެލިގޭޝަނުން ތެހެރާނުގައި އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާންއާއި، އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުޙްސިން ރެޟާއީއާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އޮގަސްޓް މަހު ’މައްކާ ދިފާޢީ އެއްބަސްވުން‘ ޤާއިމުކުރި ފަހުން، މި ތިން ޤައުމު ގުޅިގެން އީރާނާއެކު ބާއްވާ ފުރަތަމަ މަތީ ފެންވަރުގެ ބައްދަލުވުމެވެ.
މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ މަސްރަޙު ފިނިކުރުމާއި، ޤަޠަރާއި ޕާކިސްތާނުން ކުރިއަށްގެންދާ ސުލްޙައިގެ މަސައްކަތްތަކަށް އެހީތެރިވުމެވެ. އަދި ޙޫޘީން ސަޢޫދީއަށް ދެމުންދާ މިސައިލް ޙަމަލާތައް ހުއްޓުވުމާއި، ހޮރްމޫޒް ކަނޑުއޮޅީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އެމެރިކާގެ އިންތިޚާބަށްފަހު އީރާނަށް ދީފާނެ ޙަމަލާތަކާ ގުޅިގެން ސަރަޙައްދީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމާ މެދު ދެފަރާތުން ދަނީ މަޝްވަރާކުރަމުންނެވެ.














