ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދުން 24 ދަޅު ބަނގުރަލާއެކު އަތުލައިގަތް މީހަކު، އޭނާގެ މައްޗަށް އުފުލުނު ދައުވާއަށް އިއުތިރާފުވުމުން، ކްރިމިނަލް ކޯޓުން ވަނީ ޖަލު އަދަބުގެ ބަދަލުގައި 6،000 ރުފިޔާގެ ޖޫރިމަނާއަކަށް ހުކުމް ކޮށްފައެވެ. މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ޅ. ނައިފަރު ރާނީވިލާ، މުހައްމަދު މުބާރިކްގެ މައްޗަށެވެ.
މި މައްސަލަ ހިނގާފައިވަނީ މި އަހަރުގެ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުގެ ރޭގަނޑު ގާތްގަނޑަކަށް 19:30 ހާއިރު، ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދު ފުލުހުން ހާލަތު ބެލުމަށް ދަނިކޮށެވެ. ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް، މުހައްމަދު މުބާރިކް އޭނާގެ އަތުގައި އޮތް ރަތް ކުލައިގެ ކޮތަޅެއް އެތަނުގައި ހުރި ސައިކަލެއްގެ ކައިރީގައި ބެހެއްޓުމަށްފަހު ފިލަން މަސައްކަތް ކުރުމުން، ފުލުހުން ވަނީ އޭނާ ހުއްޓުވައި ބަލައި ފާސްކޮށްފައެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި އެ ކޮތަޅު ބަލައި ފާސްކުރިއިރު، އޭގެ ތެރޭގައި ހުރި ފޮށިގަނޑަކުން ”ޓައިގާ“ ބްރޭންޑްގެ 24 ދަޅު ބިޔަރު ފެނުނެވެ. މި ތަކެތި ތަހުލީލު ކުރުމުން، ބަނގުއާތްވަށް ޕޮޒިޓިވްވެފައިވާކަން ވަނީ ކަށަވަރުވެފައެވެ.
މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގަޔާއި އަވަސް ނިޔާގެ މަޖިލީހުގައި މުހައްމަދު މުބާރިކް ވަނީ، އެއްވެސް މަޖުބޫރެއް ނެތި، އަމިއްލަ އިހުތިޔާރުގައި ކުށަށް އިއުތިރާފުވެފައެވެ. މި ކުށަށް ގާނޫނުގައި ކަނޑައަޅާފައިވާ އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހުގެ ޖަލު އަދަބެކެވެ. ނަމަވެސް، ކުށަށް އިއުތިރާފުވެ ޝަރީއަތަށް އެއްބާރުލުން ދީފައިވާތީ، އޭނާގެ އަދަބު ދެ ދަރަޖަ ދަށްކުރުމުން، އައީ އެއް މަހާއި ހަ ދުވަހުގެ ޖަލު އަދަބެކެވެ. މީގެއިތުރުން، މައްސަލައިގެ ތަހުގީގީ މަރުހަލާގައި މުބާރިކް ބަންދުގައި ހޭދަކުރި ހަ ދުވަސް އުނިކުރުމުން، ތަންފީޒު ކުރަންޖެހުނީ އެއް މަސް ދުވަހުގެ ޖަލު އަދަބެކެވެ.
މުބާރިކްގެ މައްޗަށް މީގެ ކުރިން މިފަދަ ކުށެއް ސާބިތުވެފައި ނެތުމާއި، ޖޫރިމަނާ ދެއްކޭނެ ކަމަށް އޭނާ ބުނެފައިވާތީ، ގާޒީ މުޒައްމިލު ނާސިރު ވަނީ ޖަލު އަދަބުގެ ބަދަލުގައި 6،000 ރުފިޔާއިން އޭނާ ޖޫރިމަނާކުރުމަށް ހުކުމް ކުރައްވާފައެވެ.
މި ޖޫރިމަނާގެ ފައިސާ، ހުކުމް ކުރި ތާރީހުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކައި ހަލާސްކުރުމަށް ކޯޓުން ވަނީ އަންގާފައެވެ.













