ށ ފުނަދޫގައި އިއްޔެ ރޭ ހިނގި ބޮޑު އަލިފާނުގެ ހާދިސާ އިތުރަށް ތަހުގީގު ކުރުމަށްޓަކައި މާދަމާ ހެނދުނު ހާއްސަ ތަހުގީގު ޓީމެއް އެ ރަށަށް ދިޔުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޓީމަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޓީމެކެވެ.
ފުނަދޫ ޕެޓްރޯލް ޝެޑްގައި ރޯވި މި އަލިފާންގަނޑު ވަނީ ވަރަށް ބޮޑަށް ފެތުރިފަ އެވެ. އެގޮތުން އެ ސަރަހައްދުގައި ހުރި ސައިކަލަކާއި އިންޖީނު މަރާމާތުކުރާ ގަރާޖަކަށާއި ގުދަނެއްގެ އިތުރުން ވެހިކަލް ޕާކުކުރާ ކުޑަ ގަރާޖަކަށާއި މީހުން ދިރިއުޅެމުންދިޔަ ގެއަކަށް ވަނީ އަލިފާނުގެ އަސަރު ކޮށްފައެވެ. މި ތަންތަން ބޭނުންނުކުރެވޭ ވަރަށް އަނދާ ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި ހާދިސާގައި ޖުމްލަ 18 މީހަކަށް އަނިޔާވެ ސިއްހީ ފަރުވާ ބޭނުންވެގެން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ދުމުގެ އަސަރުކުރުމުގެ ސަބަބުން ފަރުވާދިން ފަޔާފައިޓަރަކާއި ހޮސްޕިޓަލުގެ މުވައްޒަފެއް ވެސް ހިމެނެ އެވެ. ސިއްހީ ފަރުވާ ދިން އަނެއް 16 މީހުންނަކީ ހާދިސާގެ ތެރެއިން އެއްޗެއް ގޮވުމާ ގުޅިގެން ރައްކާތެރިކަން ހޯދުމަށް މަސައްކަތްކުރުމުގެ ތެރޭގައި އެކިވަރުގެ އަނިޔާ ލިބުނު މީހުންނާއި ކަންބޮޑުވެ ހާސްވުމުގެ ސަބަބުން ސިއްހީ ފަރުވާ ބޭނުންވި މީހުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މި ހާދިސާ ހިނގި ސަރަހައްދު މިހާރު ވަނީ ކޯޑަންކޮށް ބަންދުކޮށްފަ އެވެ. ފުލުހުން ބުނީ މި އަލިފާންގަނޑު ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި ސީން ޕްރޮސެސްކޮށް ތަހުގީގުގައި އެހީތެރިވުމަށްޓަކައި ހާއްސަ ޓީމު މަސައްކަތްކުރާނެ ކަމަށެވެ.














